Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ކުދިކުދި ކަންތައްތަކާ ވަރިކުރުމަކީ ނުބައި އާދައެއް

ކުދި ކުދި ކަންތައްތަކާ ގުޅިގެން ވަރިކުރުމަކީ ނުބައި އާދައެއް ކަމަށް ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.

މިރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮތް މި ދަރުސްގައި ތަޤްރީރުކުރައްވާފައިވަނީ "އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް" މި މައުޟޫއަށެވެ.

މުފްތީ މެންކް ވިދާޅުވީ ކައިވެނީގައި ދިމާވާ މައްސަލަތަކަކީ އާއިލާއާއި ރައްޓެހިންނާއި ދުނިޔެއަށް އަންގަން ޖެހޭ ކަންކަން ނޫން ކަމަށާއި ކަމަކާ ނުލާ ކުރެވޭ އެފަދަ ކަންކަމުގެ ސަބަބުން އިތުރު މައްސަލަތައް ހިލުން ނޫންކަމެއް ނުވާނެ ކަމަށެވެ.

ދެމަފިރިންގެ ދެމެދުގައި އެ މައްސަލައެއް ހައްލުނުކުރެވޭ ފަދަ ހާލަތަކަށް ހިނގައްޖެނަމަ އާއިލާގެ މަޝްވަރާ ހޯދާ އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެހެންނަމަވެސް އެއްވެސް ކަހަލަ އަނިޔާވެރިކަމެއް ނުވަތަ ގެވެށި އަނިޔާގައި ތިމާގެ ދަރިފުޅު، އާއިލާގެ މީހަކު ނުވަތަ ގާތްބަޔަކު އުޅޭކަން އެނގޭނަމަ އެކަމުން އެ މީހަކު ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ޚާއްސަކޮށް ތިމާގެ ދަރިއަކު އެފަދަ ހިތްދަތި ދިރިއުޅުމެއްގައި އުޅޭކަން އެނގޭނަމަ އެ ދަރިފުޅު ގެއަށް އައުމަކީ މައްސަލައެއް ނޫންކަން ޚުދު މައިންބަފައިން އެ ދަރިފުޅަށް ވިސްނުވައިދޭންޖެހޭކަމަށް ވިދާޅުވި އެވެ. އެއީ އަނިޔާއަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެކަމެއްކަމަށް ނުވާތީކަމަށް ވިދާޅުވި އެވެ.

މުފްތީ މެންކް ވިދާޅުވީ ވަރިވުމަށްފަހު ވަރަށް ގިނައިން ދަރިން އެކަކު އަނެކަކަށް ނުދައްކާ އެފަދައިން ކަންތައް ކުރާތަން މުޖުތަމަޢުތަކުން ފެންނަކަމަށާއި އެހެންނަމަވެސް ދަރިން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެކަމަށް ވިދާޅުވި އެވެ. އަދި ކުދި ކުދި ކަންތަކާ ވަރިކުރުމަށް އިންޒާރު ދިނުމާއި ނޫނީ ވަރިކުރުމާއި، ވަރިއަށް ކިޔުމަކީ ވަރަށް ގިނައިން ކުރެވޭކަމެއްކަން ފާހަގަކުރައްވާ މި ނުބައި އާދައިން ދުލުހެލިވުމަށް ގޮވައިލެއްވި އެވެ.

މީގެއިތުރުން އާއިލާއިން ނިންމައިގެން ކުރުވާ ކައިވެންޏާއި އެމީހަކު ބޭނުންވެގެން ކުރާ ކައިވެނީގެ ވާހަކަ ވަރަށް ގިނައިން ދެކެވޭ ކަމަށާއި އާއިލާއިން ނިންމައިގެން ކުރާ ކައިވެނީގައި ކައިވެނިކުރާ ދެމީހުން ކައިވެނި ކުރާ ދުވަހު ފެނުމަކީ ގޯހެއްކަމަށް މުފްތީ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އާއިލާއިން ދަރިފުޅުގެ ކައިވެންޏަށް ވަކި މީހަކު ކަނޑައަޅާފައިވާނަމަ އެމީހަކު ދަރިފުޅާއި ބައްދަލުކުރުވައި ވާހަކަދައްކުވައި އެދެމީހުން އެކަކު އަނެކަކަށް ހިތްހަމަ ޖެހޭތޯ ބަލަން ޖެހޭނެކަމަށް ވިދާޅުވި އެވެ.

އަމިއްލަ ދަރިފުޅު އެފަދަ ކައިވެންޏަކަށް ނޫނެކޭ ބުނެފި ނަމަ އެކުއްޖާ ދެކެ ހިތްހަމަ ނުޖެހި، ރުޅިއައިސްގެން ނޫޅެ، އެކުއްޖާގެ އިހްސާސްތަކަށްވެސް އިޚްތިރާމްކުރުމަށް ވެސް މުފްތީ ގޮވާލެއްވި އެވެ.