Last Updated: February 4, 06:45
Saturday, February 4, 2023
ޚަބަރު

ޕެންޝަން އޮފީހުގެ ވަގުތީ ސީއީއޯ އާ ސީއީއޯއަކަށް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ އާ ސީއީއޯއަކަށް ސުޖާތާ ހަލީމް އައްޔަންކުރަން އެ އިދާރާގެ ބޯޑުން ނިންމައިފި އެވެ.

އޭނާ އެ އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމުގައި ހުންނަވާތާ ދެ އަހަރު ވެއްޖެ އެވެ. އޭނާ ސީއީއޯގެ މަގާމަށް އައްޔަންކުރަން ބޯޑުން ނިންމީ އިއްޔެ އެވެ. ސުޖާތާ އަކީ 2015 ވަނަ އަހަރުން ފެށިގެން ޕެންޝަންގެ އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރެވެ. އޭނަ އަކީ ރާއްޖެ އަށް ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފު ކުރަން ކުރި މަސައްކަތުގެ ވަަރަށް އިސްކޮށް މެދުނުކެނޑި 16 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސުޖާތާ އަކީ ވޯލްޑް ބޭންކުން ކުރިޔަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގުމާއި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވައިލައި ތަންފީޒު ކުރުމުގައި ވެސް އިސް ރޯލެއް އަދާ ކުރެއްވި ބޭފުޅެކެވެ.

އޭނާ ޕެންޝަން އޮފީހުގެ އާ ސީއީއޯއަކަށް އައްޔަން ކުރަން ނިންމީ ކުރިން ސީއީއޯގެ މަގާމުގައި ހުންނެވި ޖޯން ގްރިންޑަލް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެއީ އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.