Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އައްޑޫ މަގު ހެދުމަށް ފައިސާ އިތުރުކުރަނީ

އައްޑޫގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއަށް ފައިސާ އިތުރުކުރަން އިއްޔެ މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓްގައި ހިމަނައިފި އެވެ.

އިއްޔެ ހުށަހެޅި އަންނަ އަހަރުގެ ބަޖެޓާ އެކީ ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި އޮތީ 5.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އައްޑޫ މަގު ހެދުމާއި ތިލަމާލެ ބްރިޖަށް ހިނގާނެ ހަރަދު އިތުރުވާނެތީ އެ ދެ މަޝްރޫއަށް ފައިސާ އިތުރުކުރަން ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް 80.4 މިލިއަން ރުފިޔާ އިތުރުކުރަން ހުށަހެޅި އިރު އެ މަޝްރޫއަށް ކުރިން ފާސްކޮށްފައި އޮތީ 109.2 މިލިއަން ރުފިޔާ އެވެ. އަދި ތިލަމާލެ ބްރިޖްގެ މަޝްރޫއަށް 924 މިލިއަން ރުފިޔާ އިތުރުކުރަން ހުށހެޅި އިރު ފާސްކޮށްފައި އޮތީ 543.3 މިލިއަން ރުފިޔާ އެވެ.

އައްޑޫ މެގު ހެދުމާއި ތިލަމާލެ ބްރިޖަކީ ވެސް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މަޝްރޫއުތަކެވެ. އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާގެ ގްޒިމް ބޭންކުގެ ދީފައިވާ 800 މިލިއަން ޑޮލަރު (12.4 ބިލިއަން ޑޮލަރު) ގެ ލޯނުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެގޮތުން އެ މަޝްރޫއަކަށް 1.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހަދަން ހަމަޖެހިފައިވެ އެވެ.

 

މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރާނެ އެވެ. މަގުތައް ހަދާ އިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާ އެވެ.