Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޝިމާޒަށް އަނެއްކާ ވެސް ތުހުމަތުތަކެއް

ވެހިކަލްތަކެއް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރިމުގެ ކަމުގެ ތުހުމަތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ކުރެވިއްޖެ އެވެ.

އެގޮތުން 100 ވެހިކަލެއް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރުމުގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒްގެ ބައިވެރިވުން އޮތްކަން މި ނޫހަށް ވަނީ އެނގިފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން، ރައީސް އޮފީހުން ވަނީ ޝިމާޒް ނިސްބަތްވާ ޕާޓީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ، އެމްއާރުއެމް އަށް ވެސް އެކަން އަންގައިފައެވެ.

ނަމަވެސް އެ ޕާޓީން އަދި މިހާތަނަށް މިކަމާ ގުޅިގެން އެއްވެސްޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ޝިމާޒު މަގާމުން ވަކިކޮށް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ ކުރިން ވެސް ޝިމާޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް މައްސަލަ އޭސީސީން ވެސް ބަލާފައިވެ އެވެ. ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ބަދަލު ކުރަން ޖެހޭ ގޮތަށް ހަމަޖައްސައި އެކަން ޓްރާންސްޕޯޓު މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ޝިމާޒަށް މިދިޔަ އަހަރު ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭރު އެކަށީގެންވާ ހެކި ނެތުމުން ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ.