Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އަންނަ އަހަރުގެ ބަޖެޓުން އައްޑު އަށް ނާއުންމީދު!

އަންނަ އަހަރަށް ލަފާކޮށް އިއްޔެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓަކީ އައްޑު އަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބޭ ގޮތަށް ގޮތް ބަޖެޓެއް ނޫން ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި އައްޑު އަށް ކަނޑައަޅާފައި ވަނީ 82 މިލިއަން ރުފިޔާ އެވެ.

ކައުންސިލުން މިއަދު ބޭއްވި 71 ވަނަ ޖަލްސާގައި މެމްބަރުން މިކަމާ ކަންބޮޑުވުން ފާޅުކޮށް ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން އައްޑު އަށް އެއްވެސް ވަރެއްގެ އުންމީދެއް ނެތް އިރު، އައްޑު އަށް ވުރެ އާބާދީ ކުޑަ ތަންތަނަށް ވެސް މާ ބޮޑުކޮށް ބަޖެޓް ކަނޑައަޅާފައިވާ ކަމަށެވެ.

ކައުންސިލަފުން ފާހަގަކުރެއްވި ގޮތުގައި އައްޑޫގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރަން ދާދި ފަހުން މާލެ ގޮސް ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، ބަޖެޓްގެ ތެރެއިން އައްޑު އަށް އަންނަ އަހަރު ފަހި ފުރުސަތުތަކެއް ލިބޭނެ ގޮތްތަކެއް ހަމަޖައްސައި ދޭން އެދުނު ނަމަވެސް ހުށަހެޅި ބަޖެޓުން ކުރެވުނު، މަސައްކަތުގެ އެއްވެސް ނަތީޖާއެއް ފެންނާކަށް ނެތެވެ.

ކައުންސިލަރުން ފާހަގަކުރި ގޮތުގައި އައްޑު އަކީ ރާއްޖޭގެ އެހެން ސިޓީތަކާ ބަލާފައި މުޅިން ތަފާތު ގޮތަކަށް ހިންގަން ޖެހިފައި އޮތް ތަނެކެވެ. އެގޮތުން އަވަށްތައް ވަކިވަކިން ހުރުމާ އެކީ ކޮންމެ އަވަށެއްގައި ވަކިވަކިން އެކިއެކި ހިދުމަތް ދޭން ޖެހުމާއި ވަސީލަތްތައް ހޯދުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ބަޖެޓް ކަނޑައެޅި އިރު، އައްޑުއާ ދޭތެރޭ އެ ނަޒަރުން ވިސްނާފައި ނެތުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ކައުންސިލަރުން ވިދާޅުވި އެވެ.

ކައުންސިލަރުން ފާޅުކިުރި ކަންބޮޑުވުންތަކާ ގުޅިގެން މޭޔަރު އަލީ ނިޒާރު ވެސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާ ދޭތެރޭ އެއްވެސް ވަރަކަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.

"ވަރަށް ދެރަވެފައި މި ހުރީ. ވަރަށް މަސައްކަތްވި ބަޖެޓްގެ މައްސަލާގައި ރައީސާއި ފިނޭންސް މިނިސްޓަރާއި ހުރިހާ އެމްޕީންނާ ވެސް ވެސް އަޅުގަނޑުމެން ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކުރިން. ޕްރެޒެންޓޭޝަނެއް ހަދައިގެން ހިފައިފެން ގޮސް އެންމެންނަށް އެ ދެއްކިން." ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑު އަށް ކަނޑައަޅާ ބަޖެޓް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރެވުނު ނަމަވެސް އެކަން ނުވުމަކީ ވަރަށް ވެސް ބޮޑު ދެރައެއް ކަމަށެވެ.

"އައްޑޫ ސިޓީ އަކީ ކުޅުއްފުޓެއް، ފުވައްމަލަކެއް އަދި މާލެއެެއް ވެސް ނޫން. އައްޑު އަކީ މުޅިން ތަފާތު ގޮތަކަށް ސިޓީއަކަށް ހަދާފައި އޮތް ތަނެއް. ވަކިވަކި ރަށްރަށް ހުއްޓައި މިއީ ސިޓީއެކޭ ކިޔާފައި އެއްކޮށްފައި އޮތް ތަނެއް މިއީ،" ނިޒާރު ވިދާޅުވި އެވެ. "އެކަމަކު ހަގީގަތަކީ އައްޑޫ ސިޓީއަކަށް ހަދާފައި ކުޑަ ރަށަކަށް ލިބޭ ފައިސާ ވެސް ނުލިބޭ ކަހަލަ ގޮތަކަށް ކަންކަން ބައްޓަންވެފައި މި އޮންނަނީ. އެހެން އޮތުމުގެ ސަބަބަން އާމްދަނީ ލިބޭނެ މާ ގިނަ ވަސީލަރްތަކެއް ގާނޫނީ ގޮތުން ވެސް ފަހިކޮށް ނުދީ އެހެން ގޮތަކަށް ވެސް ފަހިކޮށް ނުދީ މި ގޮތަށް ބަޖެޓް ދިނުމުން ހަމަ ކުރީގެ ކައުންސިލުން ވެސް ތަހަމައްމަލު ކުރި އަނދަގޫ އަޅުގަނޑުމެން ވެސް ތަހަމައްމަލު ކުރަން ޖެހޭނީ."