Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޔާމީން އާދީއްތަ ދުވަހު އައްޑު އަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަންނަ އާދީއްތަ ދުވަހު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމުން ބުނީ ޔާމީން އައްޑޫ ވަޑައިގަންނަވާނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ޔާމީން ވަޑައިގަންނަވާނެ އެވެ.

މިއީ ޔާމީން ޖަލުން މިނިވަންވެ ވަޑައިގެންނެވި ފަހުން އައްޑޫ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޔާމީން ދާދިފަހުން ވަނީ ހއ. އަތޮޅާއި ނ. އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ޔާމީން ވަނީ އެ އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގެން، ޕީޕީއެމްގެ މެމްބަރުންނާއެކު ހާއްސަ ޖަލްސާތަކެއް ބާއްވާފަ އެވެ. އެ ޖަލްސާތަކުގައި ޔާމީން ވަނީ ސަރުކާރު އެކި ސިޔާސަތުތަކަށާއި އިންޑިއާ އަށް ވެސް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ.

ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ އިރު، އެމަނިކުފާނާއި ދެކޮޅަށް ކޯޓުތަކުގައި މިހާރު ވެސް އަންނަނީ މައްސަލަތައް ހިނގަމުންނެވެ.