Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ބަޖެޓް މެދުވެރިކޮށް އުޅެނީ ރައްޔިތުން ގުނބޯ ހައްދަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅީ 42 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރާއްޖެ އަށް ލިބޭ އާމްދަނީ އަކީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 20 މިލިއަން ކަމަށާއި ބަޖެޓްގައި 42 ބިލިއަން ޖެހި ނަމަވެސް އެއީ ލިބޭނެ ފައިސާއެއް ނޫން ކަމަށެވެ. އަދި ކަރުދާހުގައި ލިޔާ ކޮންމެ އެއްޗަކީ ހަގީގަތެއް ނޫން ކަމަށާއި ކަރުދާހުގައި ޖަހާ އަދަދުތަކަކީ އޭގެ ޒާތުގައި ލިބޭނެ އަދަދުތަކެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"އެކަން ދައްކައިދީފި މިއަހަރުގެ ބަޖެޓުން ވެސް އަދި އޭގެ ކުރީ އަހަރުގެ ބަޖެޓްތަކުން ވެސް. މިއަހަރުގެ ބަޖެޓް ވެސް ނިމިގެން އެދިޔައީ ކަރުދާހުގައި ލިބޭނެ ކަމަށް ޖަހާފައި އޮތް އެއްޗަށް ވުރެ 4،000 މިލިއަން ރުފިޔާ މަދުން." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް ދެގުނަ ޖަހައިގެން އުޅެނީ ރައްޔިތުން ގުނބޯ ހައްދަން ކަމަށެވެ. އެގޮތުން އެ ފައިސާ ނުލިބޭނެ ކަމަށާއި އެކަން މަޖިލީހުގެ މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ދެވަނަ ކަމަކީ މި ބުނަނީ ނުފުދި ހުރި ވައުދު ފުއްދާށޭ މި އުޅެނީ. ކޮވިޑަށް ދެ އަހަރު ކަނޑާފައި ބާކީ ތިން އަހަރުތެރޭ ހުރިހާ ވައުދެއް ފުއްދަނީ. އެއް ފަރާތުން މި ވާހަކަ ބުނާއިރު އަނެެއް ފަރާތުން ސޯލިހް އަރާ މި ބުނަނީ ވައުދުގެ 95 ޕަސެންޓް ފުދިއްޖޭ. އެހެންވީމަ މި އުޅެނީ ބޮޑެތި މަޝްރޫއުތައް ހިނގާށޭ. ބޮޑެތި މަޝްރޫއުތައް ހިންގާކަށް މި މީހުންނަކަށް ވަގުތެއް ނެތް." ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން މި ސަރުކާރަށް ވައުދު ފުއްދަން ބާކީ ދެން އޮތީ ހަތަރު ނުވަތަ ފަސް މަސް ކަމަށާއި އެ މުއްދަތުގެ ތެރޭގައި 42 ބިލިއަން ރުފިޔާ ސަރުކާރަށް ލިބުނަސް އެ ފައިސާ ހޭދަކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.