Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ސަން ސިޔާމް ބްރޭންޑަށް ދަރިއެއްގެ ވަރުގަދަ ރޯލެއް

ރާއްޖޭގައި ވަރުގަދަ ރިސޯޓްތަކެއް ހިންގަމުން އަންނަ ވިޔަފާވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ސަން ރިސޯޓްސް އަށް ކްރިއޭޓިވް ޑިޕާޓްމަންޓެއް ތައާރަފުކޮށް އޭގެ ކްރިއޭޓިވް ޑިރެކްޓަރަކަށް ސިޔާމްގެ ދަރިކަނބަލަކު ހަމަޖައްސައިފި އެވެ.

ސަން ސިޔާމް ރިސޯޓްސްގެ މެނޭޖްމަންޓް މުޅިން އަލަށް އިތުރު ކުރި ކްރިއޭޓިވް ޑިޕާޓްމަންޓްގެ ކްރިއޭޓިކް ޑިރެކްޓަރަކަށް ހަމަޖެއްސީ ސާރާ ސިޔާމެވެ. އޭނަ އަކީ ސިންގަޕޫރްގެ ޖޭމްސް ކުކް ޔުނިވަސިޓީން އިންޓަނޭޝަނަލް ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ. އަދި ސާރާ ސަން ސިޔާމް ރިސޯޓްސް މަސައްކަތްކުރަމުން އަންނަ 2017 އިން ފެށިގެންނެވެ.

އޭނަ އެންމެ ފުރަތަމަ މަސައްކަތްކުރީ ކުންފުނީ ޕީއާރް އެކްޒެކެޓިވެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ސަން ސިޔާމް ރިސޯޓްސްގެ އެސިސްޓަންޓް ޕީއާރް އެންޑް މާކެޓިންގެ މަގާމު ވެސް އަދާކޮށްފައިވެ އެވެ. އަދި 2020 ގައި ސަން ސިޔާމް މޯލްޑިވްސްގެ ޕީއާރް އެންޑް މާކެޓިން މެނޭޖަރުގެ މަގާމު ވެސް ސާރާ އަދާކުރެއްވި އެވެ.

ކުންފުނީގެ އާ ކްރިއޭޓިވް ޑިރެކްޓަރުގެ މަގާމާ ބެހޭ ގޮތުން ސާރާ ބުނީ އެންމެ ބޮޑު އަމާޒަކީ ސަން ސިޔާމް ބްރޭންޑް އިތުރަށް ވަރުގަދަކޮށް، އުފެއްދުންތެރި ހިޔާލުތަކާ އެކީ ރިސޯޓްތައް މާކެޓްކުރުން ކަމަށެވެ.

"އަމާޒަކީ ސަން ސިޔާމް ރިސޯޓްސްގެ މެނޭޖްމަންޓަށް ތައާރަފުކުރި ކްރިއޭޓިވް ޑިޕާޓްމަންޓާ އެކީ މި ބްރޭންޑް އިތުރު ހަރުފަތްތަކަށް ގެންގޮސްދޭން މަަސައްކަތްކުރުން." އޭނާ ބުންޏެވެ.

ސާރާއާ އެކީ ކްރިއޭޓިވް ޑިޕާޓްމަންޓްގައި ދެން އެންމެ އިސްކޮށް މަސައްކަތް ކުރާނީ ޑިރެކްޓަ އޮފް ޕީއާރް އެންޑް ކޮމިއުނިކޭޝަންގެ މަގާމަށް ހަމަޖެއްސި ޖަރުމަނަށް އުފަން ކްލައުޑިއާ ކްލިންގްބީލް އާއި ޑިރެކްޓަ އޮފް ޑިޖިޓަލް ކޮމިއުނިކޭޝަންސްގެ މަގާމަށް ހަމަޖެއްސި ޝައްމޫން މުހައްމަދެވެ.

ޝައްމޫނަކީ އިންޑިއާގެ އިންޓަނޭޝަނަލް ކޮލެޖް އޮފް ޑިޒައިން އެންޑް ޓެކްނޮލޮޖީން މާސް ކޮމިއުނިކޭޝަން ދާއިރާ އިން ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ.