Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޑްރޯންސް ފޯ ރެޒީލިއެންސް އައްޑޫގައި ނިންމާލައިފި

ޔޫއެންޑީޕީ އާއި ދިރާގު ގުޅިގެން އައްޑޫގައި ބޭއްވި "ޑްރޯންސް ފޯ ރެޒިލިއެންސް" ޕްރޮޖެކްޓް ނިންމާލައިފި އެވެ.

މި ޕްރޮޖެކްޓްގެ ނިމުން އިއްޔެ ފާހަގަކޮށްފައިވާ އިރު އެކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ހަފުލާގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ދިރާގުގެ އިސްވެރިން ވެސް ބައިވެރިވެޑައިގެންނެވި އެވެ. އެ ހަފުލާގައި ކައުންސިލަށް ތިން ޑްރޯނެއް ވެސް ހަދިޔާކުރި އެވެ. ޑްރޯނާ ހަވާލުވެވަޑައިގަތީ މޭޔަރު އަލީ ނިޒާރެވެ.

ކައުންސިލުން ވަނީ "ޑްރޯންސް ފޯ ރެޒިލިއެންސް" ޕްރޮގްރާމަށް އައްޑޫ ހޮވިކަމަށްޓަކައި ޝުކުރު ވެސް އަދާކޮށްފަ އެވެ.

މި ޕްރޮޖެކްޓަކީ ރެޒިލިއެންސް ލޯކަލް ޕްލޭނަށް މަސައްކަތްކުރާ އިރު، ޑްރޯން ޓެކްނޮލޮޖީގެ ބޭނުންތެރިކަމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ހާއްސަކޮށް ގުދުރަތީ އެކިއެކި ހާދިސާތަކާ ގުޅިގެން ޑްރޯން ޓެކްނޮލޮޖީގެ އެހީގައި ތަފާތު ޑޭޓާތައް އެއްކުރުމާއި ދުރާލައި ހާދިސާތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރަން ކުރެވިދާނެ ކަންކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

އައްޑޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ވަނީ ޑްރޯން ބޭނުންކުރުމާއި، ޑްރޯން ބޭނުންކޮށްގެން މަޢުލޫމާތާއި ޑޭޓާ އެއްކުރެވޭނެ ގޮތްތަކަށް ތަމްރީންދީފަ އެވެ. އެގޮތުން ރަށްރަށުގެ ގުުރަތީ ސަރަޙައްދުތަކުގެ ފޮޓޯ އާއި ވީޑިއޯ އަދި ގުދުރަތީ ގޮތުން ސަރަޙައްދުތައް ފެންނަ ގޮތާއި އަންނަ ބަދަލުތަކުގެ މަޢުލޫމާތު އެއްކުރެވޭނެ އެވެ.

ޕްރޮގްރާމްގައި 30 މީހުން ތަމްރީންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދިވެހި ރެޑްކްރަސަންޓާއި އައްޑޫ ކައުންސިލްގެ މުވައްޒަފުންނާއި އާންމު ވޮލަންޓިއަރުން ހިމެނެ އެވެ.