Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

ސަސްޕެންޑް އެކައުންޓްތައް ހަމަ ދޫކޮށެއް ނުލާނެ

އުސޫލުތަކާ ހިލާފުވެގެން މީގެ ކުރިން ސަސްޕެންޑްކޮށްފައިވާ ޓްވިޓާގެ އެއްވެސް އެކައުންޓެއް "ބެލުމަކާ ނުލައި" ދޫކޮށްނުލާނެ ކަމަށް އޭގެ އާ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ޓްވިޓާ އިން ބޭރުކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ދެން މާ ލަސްތަކެއް ނުވެ އަލުން ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައިފާނެ ކަމަށް ބުނެ މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަ ދެކެވޭތީ އީލޕން ވިދާޅުވީ ފިޔަވަޅު އަޅާފައިވާ އެއްވެސް އެކައުންޓެއް ފަސޭހަކޮށް ދޫކޮށްނުލައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ އެކައުންޓްތައް އިޔާދަކޮށްދޭނީ ޓްވިޓާ އިން ބަލަން ޖެހޭ ހުރި ކަމެއް ބެލުމަށް ފަހު އެވެ.

"އެކަން ކުރާނެ ހަރުދަނާ އުސޫލެއް ހޯދާފައި ނޫނީ ސަސްޕެންޑްކޮށްފައިވާ އެއްވެސް އެކައުންޓެއް އިޔާދަކޮށެއް ނުދެވޭނެ." އީލޮން ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު މިދިޔަ ހަފުތާގައި 44 ިލިއަން ޑޮލަަރަށް ޓްވިޓާ ބައްލަވައިގަތުމާ ގުޅިގެން އޭގެ މުވައްޒަފުންނާއި އިޝްތިހާރުކުރާ ވިޔަފާރި ޕާޓްނަރުންނާއި ޓްވިޓާ ބޭނުންކުރާ އާންމު އެތައް ބަޔަކު މިހާރު އަންނަނީ އީލޮންގެ މޭސްތިރިކަމުގެ ދަށުން ގެންނާނެ ބަދަލުތައް ވަރަށް ގާތުން ބަލަމުންނެވެ.

ޓްވިޓާ އިން މިހާރު ނިންމާފައި އޮތީ އެކައުންޓްތަކުގެ ވެރިފިކޭޝަން ދަމަހައްޓަން މަހަކު 8 ޑޮލަރުގެ ފީއެއް ނެގުމަވެ. މިކަމާ ގުޅިގެން ވެސް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ވަރަށް ގިނަ ބަޔަކު އަންނަނީ ޓްވިޓާ އަކީ ހުރިހާ އެންމެންނަށް ވެސް ހިލޭ ބޭނުން ކުރެވޭ އެއްޗަކަށް ހެދުމަށް ގޮވައިލަމުންނެވެ.

މީގެ އިތުރުން މިހާރު ވެސް 4.99 ޑޮލަރުގެ ފީއެއް ދައްކައިގެން ބޭނުންކުރެވޭ "ޓްވިޓ ބްލޫ" ގެ އަގު 19.99 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.