Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

އައިވީއެފް ފަންޑް ލޯންޗްކޮށްފި

ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް އެހީވުމަށްޓަކައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ފަންޑެއް ރޭ ލޯންޗްކޮށްފި އެވެ.

މި ފަންޑް ލޯންޗުކުރީ ރޭ ބޭއްވި ހާއްސަ ފަންޑްރެއިޒިން ގާލާ ޑިނާގަ އެވެ. އެގޮތުން "އަ ނައިޓް އޮފް ހޯޕް" ގެ ނަމުގައި ބޭއްވި ހަފުލާގައި ފަންޑް ލޯންޗްކޮށް ދެއްވީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އަށް ގިނަ އެހީތަކެއް ދެއްވަމުން ގެންދަވާ މަރިޔަމް ޝެނިން އެވެ.

މާލީ ދަތިތަކާ ހެދި އައިވީއެފްގެ ފަރުވާ ހޯދުމުގެ ފުރުސަތު ނެތް މީހުންނަށް ފަންޑްގެ ދަށުން ކޮންމެ އަހަރަކު ވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ފަންޑްގެ އެހީތެރިކަމަށް އެދެވޭނީ އުމުރުން 25 އަހަރުގެ އަދި މަދުވެގެން ދެ އަހަރު ވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނާށާއި 25 އަހަރު ނުފުރުނަސް ، ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްހީ ކަންކަމަށް ބަލައި އެ ފުރުސަތު ހޯދިދާނެ މީހުންނަށެވެ. އެގޮތުން އެޕްލިކޭޝަން ފީ އަކީ 200ރ. އެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން މިކަން ކުރިއަށް ގެންދަނީ އިންޑިއާގެ ޔާމީ ފާޓިލިޓީ ކްލިނިކާ ގުޅިގެންނެވެ.

އެގޮތުން އެކަމުގެ އެއްބަސްވިމުގައި ވެސް ސޮއިކޮށްފައިވެ އެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސް އާޝާ ހުސެއިނެވެ. ޔާމީ ފާޓިލިޓީ ކްލިނިކްގެ ފަރާތުން ސޮއިކުރެއްވީ އެ ކްލިނިކްގެ ފައުންޑަރު އަދި ޑިރެކްޓަރު ޑރ. ސަންކަލްޕް ސިންގެވެ.

ރޭގެ ހަފުލާގައި ވަނީ ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތުދީ އެކަން ވެސް ފާހަގަކޮށްފަ އެވެ.