Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ފިޔަ އާއި ލޮނުމެދުގެ ތޮށިން "ހަވާދެއް"

ފިޔަ އާއި ލޮނުމެދަކީ ކޮންމެ ދުވަހަކު، ކޮންމެ ގެއެއްގައި ވެސް ހަމަ ވަރަށް އާންމުކޮށް ބޭނުން ކުރާނެ އެއްޗެކެވެ. އެކަމަކު ސުވާލަކީ އެ އެއްޗެހީގެ ތޮއްޓަށް ހަދަނީ ކިހިނެއް ހެއްޔޭ އެވެ؟ ހަމަ ހަގީނުން ވެސް ގިނަ ބައެއްގެ ޖަވާބަކަށް ބާނީ އުކައިލަނީއޭ އެވެ.

ދޭން އޮތް ނަސޭހަތަކީ އެހެން ނަހަދާށޭ އެވެ. އޭގެ ބޭނުން އެތައް ގޮތަކަށް ހިފިދާނެ އެވެ. މި ކިޔައިދެނީ އެފަދަ ގޮތެކެވެ. ފިޔަ އާއި ލޮނުމެދުގެ ތޮށި އުކާނުލައި އެއިން "ހަވާދެއް" ތައްޔާރުކޮށްލެވިދާނެ އެވެ. ހަދަން ޖެހޭ ގޮތަކީ އެ ތޮށި މިކްސަރަކަށް އަޅާފައި ދެތިން ސަމުސާ ލޮނު އޭގެތެރެ އަށް އަޅައި ހިމުންކޮށްލާނީ އެވެ. ދެން މަތި ބަންދުކުރެވޭ ކަހަލަ އެއްޗަކަށް އަޅާފައި ބަހައްޓާށެވެ.

މިއީ ރިހަ ކައްކާށާއި މަސް މެރިނޭޑްކުރަންށާއި މަސްބަތާއި ފްރައިޑް ރައިސް ފަދަ ކާނާތައް ތައްޔާރުކުރާ އިރު ނުވަތަ ބާބެކިއު ހަދާ އިރު ވެސް އެހެންޏާ ވެސް ބޭނުން ކުރާ އާންމު ހަވާދު ގޮތަކަށް ބޭނުންކޮށްލެވިދާނެ "ހަވާދެ" ކެވެ. ރަހަ އެނގޭނީ ތަޖުރިބާކޮށްލުމުންނެވެ. ހަމަ ޔަގީނުން ވެސް ކާ އެއްޗެހީގެ ރަހަ އަށް އިތުރު މީރު ކަމެއް ގެނެސްދޭނެ އެވެ.

ފިޔަ އާއި ލޮނުމެދުގެ ތޮއްޓަކީ ސިއްހީ އެތައް ފައިދާއެއް ލިއްބައިދޭ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެގޮތުން މިއީ ވިޓަމިން އޭ، ސީ އަދި އީގެ އިތުރުން އެތައް އެންޓިއޮކްސިޑަންޓެއް އެކުލެވޭ އެއްޗެކެވެ.

އެހެންވެ ކުރިން މި ކިޔައިދިން ނޫން ގޮތްގޮތަށް ވެސް ފިޔަ އާއި ލޮނުމެދު ސިއްހަތަށްޓަކައި ބޭނުން ކުރެވިދާނެ އެވެ.