Last Updated: July 19, 10:47
Saturday, July 19, 2025
ޚަބަރު

ހިރާ ސްކޫލްގެ ދަރިވަރުންތަކެއް ކޮޕް27 އަށް

މިއަދު މިސްރުގައި ފަށާ މި އަހަރުގެ ކޮޕް27 ސަމިޓްގައި އައްޑޫގެ ހިރާ ސްކޫލްގެ ދެ ދަރިވަރަކު ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަމިޓްގައި ބައިވެރިވާން ހިތަދޫގައި ހިންގާ ސްކޫލްގެ ދެ ދަރިވަރުން މިއަދު ވަނީ ފުރައިފަ އެވެ.

މި އަހަރުގެ ޖެނުއަރީގައި ޔޫއޭއީގެ ސަރުކާރުން ދިން "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" ވެސް ލިބުމާ ގުޅިގެން ހިރާ ސްކޫލަށް ފަހިވި ފުރުސަތާ އެކު ކޮޕް27 އަށް ހިރާ އިން ބައިވެރި ވަނީ އެ ސްކޫލްގެ ގްރޭޑު 10 ގައި ކިޔަވަމުން އަންނަ އައިޝާ ސާރާ އަހުމަދު އަދި އިޒާން މަޝްހޫދެވެ. މި ދެ ދަރިވަރުން ސަމިޓްގައި ތަމްސީލު ކުރާނީ ޒައިދު ސަސްޓެއިނިބިލިޓީ އެވެ. ސަމިޓްގައި ބައިވެރިވާނެ ކުދިން ކަނޑައެޅީ ވެސް ޒައިދު ސަސްޓެއިނިބިލިޓީންނެވެ.

ހިރާ އަށް ޒައިދު ސަސްޓެއިނިބިލިޓީ އެވޯޑު ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ. އެ އެވޯޑަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތެރި ވިސްނުންތަކަށް މަސައްކަތްކުރާ އަދި އެ ދާއިރާ އިން ނަޖީތާ ހާސިލުކުރާ ފަރާތްތަކަށް ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ނަމުގައި ދޭ އެވޯޑެކެވެ.

ހިރާ އިން ބުނީ އދ. އިން އިންތިޒާމުކޮށްގެން ބާއްވާ ދުނިޔޭގެ ތިމާވެށީގެ ސަމިޓްގައި ހިރާ ސްކޫލް ހިއްސާވާން ފުރުސަތު ލިބުމަކީ
ވަރަށް ބޮޑު ޝަރަފެއް އަދި ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މިއަދު މިސްރުގެ ޝަރުމުއްޝައިހުގައި ފަށާ ކޮޕް27 ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ސަމިޓްގައި މާދަމާ ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން ފައިސަލް އިއްވަން ވުމަށް ހަމަޖެހިފައިވެ އެވެ. ސަރުކާރުން ބުނީ ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގުވާމީ މުޖުތަމައާ ހިއްސާކުރަން ފަހިވާ ވަރަށް މުހިއްމު ފުރުސަތެެއް ކަމަށެވެ.