Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޒަކާތު ފަންޑުން އެހީދޭ ޕްރޮގްރާމެއް ފަށަނީ

ޒަކާތު ފަންޑުން "ޒަކާތު ނަފާ" ގެ ނަމުގައި އެހީގެ ޕްރޮގްރާމެއް ފަށަން ނިންމައި އޭގެ ދަށުން މާލީ ފުދުންތެރިކަން ކުޑަ އާއިލާތަކަށް 150،000ރ. ހަރަދު ކުރެވޭ ގޮތަށް އުސޫލެއް މިއަދު އާންމުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ "ޒަކާތު ނަފާ" ގެ ދަށުން އެހީ ދޭނީ އެ މިނިސްޓްރީގެ "ފަގީރުންނާއި މިސްކީނުންގެ ދަފުތަރު" ގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ. މިއީ މާލީ އެހީތެރިކަން ދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މި އަހަރުގެ ފެބްރުއަރީ 28 ގައި ފެށި ޕްރޮގްރާމެކެވެ.

އެއީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ވަކި އަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ހަރަދުކުރާ ގޮތަށެވެ.

"ޒަކާތު ނަފާ" ހިންގާނެ ގޮތުގެ އުސޫލުގައިވާ ގޮތުން އެ ފްރޮގްރާމުގެ ތެރެއިން ޒަކާތު ފަންޑުން ހަރަދު ކުރެވޭނީ، އާއިލާއަކަށް ގިނަވެގެން 150،000ރ. އެވެ. އެކަމަކު އެ އަދަދުގެ އިތުރުން، އެސްއެމްއީ ފަންޑު މެދުވެރިކޮށް އަނބުރާ ދައްކާ ގޮތަށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ވަކި ވަރެއްގެ އެހީގެ ގޮތުގައި ހަމަޖައްސައި ދެވިދާނެ އެވެ.

"ޒަކާތު ނަފާ" ޕްރޮގްރާމަށް ބަޖެޓް ކަނޑައަޅާނެ ގޮތާއި އެ ޕްރޮގްރާމްގެ ބައިވެރިންގެ ޒިންމާތަކާއި އެ ޕްރޮގްރާމުގެ ދަށުން އެހީ ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތާއި އެހީގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅާނެ ގޮތާ އަދި އެ ޕްރޮގްރާމް ފިޔަވަހިތަކަށް ބަހާފައިވާ ގޮތް އެ އުސޫލުގައި ބަޔާންކޮށްފައި ވެ އެވެ. އަދި އެކަން މެނޭޖު ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވެ އެވެ.
އެގޮތުން ރާވައި، ހިންގައި، ތަންފީޒުކުރުމުގައި އިސްދައުރު އަދާކުރާ "އިމްޕްލިމަންޓިން އެޖެންސީ" އަކީ އިސްލާމިކް މިނިސްޓްރީ އެވެ.

އެ ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީން ނުވަ މެމްބަރުން ހިމެނޭ ހާއްސަ ސްޓިއަރިން ކޮމެޓީއެއް އުފައްދަން ޖެހެ އެވެ. އެ ކޮމެޓީގައި ތިބޭނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ތިން މެމްބަރަކާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދެ މެމްބަރަކާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެމްބަރަކާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ މެމްބަރަކާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ މެމްބަރެއްގެ އިތުރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މެމްބަރެކެވެ.

ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަން ކުރާނީ، އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން އިސްލާމިކް މިނިސްޓްރީންނެވެ.

"ޒަކާތު ނަފާ" އިން އެހީ ދޭން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ގެދޮރުގެ ނަފާ އާއި ޕޯލްޓްރީ ފާމިން އާއި ހައިޑްރޯޕޯނިކް ދަނޑުވެރިކަމާއި ފަރުމަސްވެރިކަމާއި ފެހުމާއިޓްރެއިނިން/އޮން ދަ ޖޮބް ޓްރެއިނިން/އެޕްރެންޓިސްޝިޕެވެ.

މި ދާއިރާތަކުގެ އިތުރުން، ހާލަތަށް ބަލައި އިތުރު ދާއިރާތައް ކަނޑައެޅުމުގެ އިހުތިޔާރު، ސްޓިއަރިން ކޮމިޓީ އަށް ލިބިގެންވެ އެވެ. އެދި އެހީ ދޭ ދާއިރާތަކަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ވިޔަފާރިތަކަކަށް ވާން ޖެހޭނެ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ "ޒަކާތު ނަފާ" ޕްރޮގްރާމްގެ މަގުސަދަކީ ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުން އަމިއްލަ އަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ އެ މީހުންގެ ހާލަތު ރަނގަޅުކޮށް ދޭން މަގުފަހިކޮށް ދިނުމެވެ. ދިނުމެވެ.