Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އަރަބިއްޔާ ހިންގުން ހުސައިން ސައީދަށް

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު މަގާމުން ވަކިކޮށް، އެ ސްކޫލު ހިންގުން ވަގުތީ ގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފި އެވެ.

މިނިސްޓްރީން ބުނީ އެ ބަދަލު ގެނައީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް، ކުދިންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވާއި އިންތިޒާމު ކުރުމަށް ކަމަށެވެ.

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޝުޖާއު މަގާމުން ވަކިކުރީ އިއްޔެ އެވެ. އަދި އެކަމާ ގުޅިގެން ރޭ ސްކޫލްގެ ބެލެނިވެރިންތަކެއް މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އަރަބިއްޔާ ސްކޫލުން ޝުޖާއު ވަކިކޮށް، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް އޭނާ ވަނީ ބަދަލުކޮށް ފަހު އެވެ.

އެ ސްކޫލް ވަގުތީ ގޮތުން ހިންގުން ހަވާލުކުރި ހުސައިން ސައީދަކީ ތައުމީލީ ދާއިރާގައި 24 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކުރައްވާތާ މިހާރު 19 އަހަރުވެއްޖެ އެވެ. ހުސައިން ސައީދަކީ އައްޑޫ ފޭދު އަށް އުފަން ބޭފުޅެކެވެ. އޭނަ އަކީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ ކޮއްކޮއެކެވެ.

ހުސައިން ސައީދު ކުރިން އައްޑޫގެ އަތޮޅުވެރިކަން ވެސް ކުރެއްވި އެވެ.