Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

ސިއްހަތަށް ބަލާ، ނޫނީ ކާނާގެ ގޮތުގައި ބޭސްކާން ޖެހިދާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ޞިއްޙީ ދުޅަހެޔޮކަމަށް ސަމާލުކަން ނުދީފި ނަމަ ކާނާގެ ގޮތުގައި ބޭސްކާން ޖެހިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ކެމްޕެއިން ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ޞިއްޙީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އައި ބައެއް ކަމަށާއި އިހުގައިވެސް އަދި މިހާރު ވެސް ދިވެހިން އެކަމަށް ސަމާލުކަން ދިން ނަމަވެސް ދިރިއުޅުމާއި ޞިއްޙަތާ ދެމެދަށް ވަންނަނީ ނުރަނގަޅު އާދަތަކެއް ކަމަށެވެ.

"އަޅުގަނޑުމެން މި ކަންބޮޑުވާ ބަލިބައްޔަކީ މުލައްދަނޑީގައި ބަނދެލާ ތަވީދަކުން، ނުވަތަ އުނަގަނޑުގައި އަޅާ ބަޑިއަކުން ފަސޭހަވާނެ ބަލިބައްޔެއް ނޫން. އަދި ވިލާތު ބޭސްގުޅައަކުން ނުވަތަ ވެކްސިނަކުން ފަރުވާ ދެވޭނެވެސް ބައްޔެއް ނޫން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ބަލިތަކަށް އޮތް ފަރުވާއަކީ، ޢަޒުމާއި ހިތްވަރު ކަމަށާއި ފުރަތަމަ ބަދަލަކީ، ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް ހިޖްރަކުރުން ކަމަށެވެ. އެއަށްފަހު ދެން ބަދަލުކޮށްލަންވީ ކެއުމުގެ އާދަތަކާއި ކާބޯތަކެތި ކަމަށާއި ކާންވީ އަނގަޔަށް މީރު ޖަންކް ފުޑް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކާންވީ ހަށިގަނޑަށް ފައިދާ ހުރި ކާނާ. ތަރުކާރީ އާއި މޭވާ. މިއަދު އަޅުގަނޑުމެން އެ ބަދަލު ނުގެނެސްފިއްޔާ، ކާނާއެއްގެ ގޮތުގައި ބޭސްތައް ކާން ފަށަން ޖެހުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި، ހަރަކާތްތެރިވެ އުޅުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަކި މިންގަނޑުތަކެއް ކަނޑައަޅައިފައިވާ ކަމަށާއި އަދި ކާނާގެ ތެރޭގައި މޭވާ އާއި ތަރުކާރީ ހިމެނުމަށްވެސް ވަކި މިންގަނޑެއް ކަނޑައަޅައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ މިންވަރަކަށް ހަރަކާތްތެރިނުވާ އަދި އެ މިންވަރަށް މޭވާ އާއި ތަރުކާރީ ބޭނުން ނުކުރާ މީހުންގެ އިންސައްތަ ރާއްޖޭގެ އާބާދީގައި ވަރަށް މަތިކަން އެ ދިރާސާ އިން ފާހަގަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ އިންޒާރެއް. މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ މުހިންމު ޤައުމީ މައްސަލައެއް. ހުރިހާ ރަށެއްގައި އަދި ހުރިހާ އުމުރުފުރައެއްގައިވެސް އަޅުގަނޑުމެން ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަރަށް ބޮޑު މައްސަލައެއް." ރައީސް ވިދާޅުވި އެވެ.