Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ކުއްލި މަރުތައް ގިނަވެއްޖެ، ހަގީގަތް ހޯދަން ޖެހޭ

ޒުވާނުންގެ ކުއްލި މަރުތައް މިހާރަކަށް އައިސް ގިނަވެފައިވާ ކަމަށާއި އެކަމުގެ ހަގީގަތް ހޯދައި ބަލަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ކެމްޕެއިން ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހަށިގަނޑުގެ ވަޒަން ގެއްލި، ޖިސްމަށް ނުކުޅަދާނަ މިންވަރަށް ސަމައްތަރު ހެޔޮވުމަކީ، ދުޅަހެޔޮވުމެއް ނޫން ކަމަށާއި އެފަދަ ހާލަތަކަށް ހަށިގަނޑު ބަދަލުކޮށްލާ ސަބަބުތަކެއްވެސް އެބަހުރި ކަމަށެވެ.

އެގޮތުން އެއް ކަމަކީ، ހެލިފެލިވެ އުޅުން މަދުވުން ކަމަށާއި އަނެއް ކަމަކީ، ޞިއްޙަތަށް ގެއްލުންދެނިވި ކެއުމުގެ އާދަތަކެއް ގެންގުޅުން ކަމަށްވާއިރު މި ހުރިހާ ނުރަނގަޅު ކަމަކީވެސް، ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑެތި ސަބަބުތައް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި ދެން އޮތް ޞިއްޙަތަށް ގެއްލުންދޭ، ނުރަނގަޅު އަނެއް ކަމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ކަމަށާއި މިކަން އޮތީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައި ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި، ޒުވާނުންގެ ކުއްލި މަރުތައް މިހާރަކަށް އައިސް ގިނަވެއްޖެ. އެއީވެސް، އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ނުރަނގަޅު އާދަތަކާ ގުޅިފައި އޮތް ކަމަކަށްވެސް ވެދާނެ. އެކަމުގެ ޙަޤީޤަތް ބެލުމަށްޓަކައި ދިރާސާތަކެއްކޮށް، ހޯދައި ބަލަން އެބަޖެހޭ." ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުން ކަމަށާއި އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތަކުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވަން އަންނަ އަހަރުގެ ތެރޭގައި ޕްރައިމަރީ ހެލްތް ކެއަރގެ ހިދުމަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.