Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

މޫސުމީ ނޭދެވޭ ބަދަލުތަކުގައި ރާއްޖޭގެ ދައުރު ކުޑަ

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަ ކަމަށާއި، ޤައުމުތަކުގެ އެއްބާރުލުމާއެކު މެނުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަކީ ނާދިރު ކަމެއް ކަމަށް ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ކޮޕް27 ގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން ފައިސަލް ވިދާޅުވީ ކަނޑަކީ ދިވެހިންނަށް ކާނާގެ އިތުރުން އާމްދަނީ ލިބޭ ވަޞީލަތެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރުމަަށް ދިވެހި މަސްވެރިން ކުރަންޖެހޭ ދަތުރު އަހަރަކަަށް ވުރެ އަހަރެއް ދިގުވަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި، ބޯފެން ލިބުން ދަތިވުމާ ގުޅިގެން މީރުފެން އުފެއްދުމަށް ޒަމާނީ ޓެކްނޮލޮޖީއަށް ބަރޯސާވާން ޖެހިފައިވުމާއި، އަވަސް އަވަހަށް މޫސުން ބަދަލުވުމާއި ރާޅުއެރުމާއި ފެންބޮޑުވުން، ފަދަ ކަންކަމުގެ ސަބަބުން މީހުންގެ ގެދޮރާ ދިރިއުޅުމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބެމުން އަންނަކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވާ މައިގަނޑު އެއް އަސާސް ކަމުގައިވާ މުރަކައިގެ ފަރުތައް ނާޒުކު ހާލަތެއްގައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ކޮޕް-27 އާ މެދު ރާއްޖެއިން އުއްމީދުކުރާ ކަންކަން ފާހަގަކުރައްވަމުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ އޭގެ އަސަރުތައް ކުޑަކުރުމަށް ކުރިން އެއްބަސްވެފައިވާ ކަންމަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތަކަށް ޖުމްލަ ގޮތެއްގައި ޙައްލުތައް ހޯދުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރުގެ އަމާޒަށް ވާޞިލުވުން ފާހަގަކުރެއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި ބަދަލުވަމުންދާ ދުނިޔެއަކީ މުސްތަޤްބަލުގައި އެންމެންނަށްވެސް ހަމަޖެހިގެން، ފާގަތި ދިރިއުޅުމެއް އުޅެވޭނެތަނެއްގެ ގޮތުގައި ދަމަހައްޓަންޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.