Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މިނިސްޓްރީން އުޅެނީ އަރަބިއްޔާ ހަލާކުކޮށްލަން

މިހާރު އެޑިއުކޭޝަން މިނިސްޓްރީން މިސްރާބު ޖަހާފައި ވަނީ ސީދާ އަރަބިއްޔާ ސްކޫލް ނައްތައިލަން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ވަކިކުރުމާ ގުޅިގެން ބެލެނިވެރިން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓްރީން އަރަބިއްޔާ ނައްތާލަން މަސައްކަތްކޮށް، ބެލެނިވެރިން ރުޅިއަރުވަން އުޅޭ ކަމަށެވެ.

"މިހާރު މިނިސްޓްރީގެ މިސްރާބު ހުރީ ސީދާ އަރަބިއްތާ ސްކޫލް ހަލާކުކޮށް، ބެލެނިވެރިން ރުޅިއަރުވާ، ފިތުނަ ފަސާދަ އުފައްދާ ގޮތަށް،" އޭނާ ވިދާޅުވި އެވެ. "ދަރިވަރުން ނެޓްބޯލް ފަރިތަކުރާ ޕޮޓް ފޮރުވަން އެންގީ ސީދާ މިނިސްޓަރު. މިކަހަލަ އެތައް ޖަރީމާ އެއް އެބަ ހިންގާ."

އިޔާޒް ނިސްބަތްވާ އަދާލަތު ޕާޓީގެ ތައުލީމާއި ތަރުބިއްޔަތާ ބެހޭ ކޮމިޓީން ރޭ އަރަބިއްޔާގެ ޕީޓީއޭ ބައްދަލުކޮށް ދިމާވެފަިއވާ ގޮންޖެހުންތައް އޮޅުން ފިލުވާފައިވެ އެވެ.

އަރަބި އިސްލާމީ ތައުލީމަށް ހާއްސަ އަރަބިއްޔާގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އާދިއްތަ ދުވަހު މަގާމުން ވަކިކޮށް، އެ ސްކޫލް ވަގުތީ ގޮތުން މިހާރު ހިންގުން ހަވާލުކޮށްފައި ވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައިދާ އެވެ. ޝުޖާއު ވަކިކުރި މައްސަލާގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ވެސް ކޮށްފައިވާ އިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވަނީ ބެލެނިވެރިންނާ ބަައްދަލުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބެލެނިވެރިންގެ ކަންބޮޑުވުން މިނިސްޓަރު އައްސަވައި އަރަބިއްޔާ ސްކޫލަކީ ވަރަށް ހާއްސަ ތަނެއް ކަމަށާއި އެތަނަށް ހަދާ އާ އިމާރާތާ އެކީ ސްކޫލްގެ ޖާގަ ވެސް ދެ ގުނަ ބޮޑުވާނެ ކަމަށް ބުނެފައިވެ އެވެ.