Last Updated: April 16, 19:25
Tuesday, April 16, 2024
ޚަބަރު

ހުޅުމީދޫ-ހިތަދޫ ބްރިޖް އަޅާނަން: ޔާމީން

ޕީޕީއެމްގެ ވެރިކަމެއްގައި އައްޑޫ ސީޓީ ހުޅުމީދޫ އާއި އެ ސިޓީގެ އެހެން އަވަށްތައް ގުޅުވާލާ ބްރިޖު އަޅާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީންގެ 2018ގެ މެނިފެސްޓޯގައި ވެސް މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އެޅުމަށް ނިންމާ އެކަން ހިމަނާފައި އޮތެވެ. ކެންޕެއިންގައި އެކަމުގެ ޔަގީންކަންވެސް ޔާމީން ވަނީ ދެއްވާފަ އެވެ.

މިއަދު ހަވީރު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ހުޅުމީދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް ޕީޕީއެމްގެ ވެރިކަމެއްގައި އެ ބްރިޖް އެޅިގެންދާނެ ކަމަށެވެ. އަދި ބްރިޖާއެކު ހުޅުމީދޫ އަށް ގެއްލިގެންދާ ހައްގުތައް ގާނޫނަށް އިސްލާހު ގެނެސްގެން ވިޔަސް ހޯދަންޖެހޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"މި ބުރިޖު އިރާދަކުރެވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެޅިގެންދާނެ. އެކަމަކު އެއާ އެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބައެެއްގެ ބާރުވެރިކަމުގެ ދަށުގައި ފިތި ބޭރުވެގެން ތިބީމަ ތިބޭފުޅުންނަށް ގެއްލިގެންދާ ހައްގުތައް ހަމަ ހަގީގަތުގައި ވެސް އެބަޖެހޭ މި ލޯކަލް ގަވާމަންޓްއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް އަންނަން." ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ސިޓީއެއްގެ ގޮތުގައި އޮތް ނަމަވެސް ހުޅުމީދޫ އަށް ބޭނުންވާ ކަންކަން ފިތި އަދި އެއްވެސް ކަމެއް ނުކުރެވެންޖެހޭ ސަބަބު ބަލަންޖެހޭ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

މާލެ ފިޔަވާ އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ، ސިޓީއަކަށް ބަދަލުކުރީ އޭރު އައްޑު އަތޮޅުގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫވެސް ހިމަނައިގެންނެވެ. އޭގެ ސަބަބުން އަދާ ހަމައަށް އެ ދެ އަވަށުގެ ރައްޔިތުންގެ ބޮޑު ޝަކުވާއަކީ ސިޓީއަކުން ލިބެން ޖެހޭ ހިދުމަތްތައް ހޯދަން ކަނޑު ހުރަސްކޮށް މައި ރަށަށް ދާން ޖެހުމެވެ.