Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

އަޅުގަނޑުގެ މަސައްކަތް ރައްޔިތުން ގަބޫލުކުރޭ

ރާއްޖެއަށްޓަކާ ކޮށްފައި ހުރި މަސައްކަތްތައް ރައްޔިތުން ގަބޫލުކުރާ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖެ އަށް އިންޑިއާ ސިފައިން ނާރައިގެން ޝާހިދު އެކަމާ ކަންބޮޑުވުން ފާޅުކުރި ކަމަށް ބުނެ "ދިޔަރެެސް" ގެ ނޫސްވެރިއަކު ރޭ ކުރި ސުވާލަކާ ގުޅިގެންނެވެ.

ފޯޅަވަހީގެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ރާއްޖެ އަށް އިންޑިއާ ސިފައިން ނާރައިގެން ކަންބޮޑުވުން ފާޅުކުރި ވާހަކައަކީ ދޮގެއް ކަމަށާއި އަދި ތަކުރާރުކޮށް އެ ވާހަކަ "ދިޔަރެސް" ނޫހުން ގެނަޔަސް ރައްޔިތުން އެކަން ގަބޫލުނުކުރާ ކަމަށެވެ. އަދި 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިންތިހާބު ވުމަކީ ވެސް އޭގެ ހެތްކެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ އިންޓަވިއުގައި ރާއްޖެ އަށް އިންޑިއާ ސިފައިން ނާރައިގެން ކަންބޮޑުވުން ފާޅުކުރީ އިންޑިއާ މީހެއް ކަމަށާއި އެއީ އޭނާ ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ. އަދި ތަކުރާރުކޮށް އެ ވާހަކަ ފެތުރިޔަސް ހަގީގަތް ވާނީ ހަގީގަތަށް ކަމަށާއި ރައްޔިތުން ގަބޫލުކުރާނީ ވެސް ހަގީގަތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑު ރާއްޖެއަށްޓަކާ ކޮށްފައި ހުރި މަސައްކަތްތައް ދިވެހި ރައްޔިތުން ގަބޫލުކުރޭ. އަޅުގަނޑު އިހުލާސްތެރިކަމާއެކު ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމުގައި އެކި މަގާމުތަކުގައި ހުރެގެން މިހާތަނަށް ކުރި މަސައްކަތްތައް ދިވެހި ރައްޔިތުން ގަބޫލުކުރޭ." ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވުމުގެ އިތުރުން ޝާހިދު ވަނީ އެއް އަހަރުގެ މުއްދަތަށް އ.ދ ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް އަދާކުރައްވާފަ އެވެ.