Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އޭއީއެޗްގައި އެންސީޑީގެ ހާއްސަ ކްލިނިކެއް ހުޅުވަނީ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް. 100 ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާދޭ ހާއްސަ ކްލިނިކެއް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކޮށް ބަލިމީހުންގެ ކަންކަން ބެލުމަށް ހޮސްޕިޓަލުން ނިންމައިފި އެވެ.

އައްޑޫގައި ނޮން ކޮމިއުނިކަބްލް ޑިޒީޒެސް ނުވަތަ އެންސީޑީ ކްލިނިކެއް ޤާއިމް ކުރުމުގެ މަޤްސަދަކީ މި ވަގުތު އައްޑޫގައި ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ކަންކަން ގާތުން ބަލައި، އެފަރާތްތަކުގެ ފަރުވާގެ ކަންކަން ބަލައި މެނޭޖް ކުރުމެވެ. އެގޮތުން ބަލި މީހުންގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓާނީ އެކަމަށް ހާއްސަ ކުރެވޭ ސިއްޙީ މާހިރުން ކަމަށާއި، ބަލި މީހާގެ އާންމު ދިރިއުޅުމުގައި ގެންނަން ޖެހޭ ބަދަލުތަކާއި ކެއުމުގެ އާދަތަކާއި އަދި އެ ނޫން ވެސް ކަންކަން މި ކްލިނިކްގެ ތެރެއިން އިންތިޒާމުވެ ބެލިގެން ދާނެ ކަމަށް އޭއީއެޗުން ބުންޏެވެ.

އޭއީއެޗުން މި ކްލިނިކުގެ ޙިދުމަތް ދޭން ފަށާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ. އަދި މިހާރުވެސް ހޮސްޕިޓަލަށް ދައްކާ ބަލިމީހުންގެ ތެރެއިން ޑޮކްޓަރުންގެ ލަފާގެ މަތިން ކްލިނިކަށް ބަލި މީހުންގެ ރެޖިސްޓަރ ކުރެވެމުންދާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އޭއީއެޗް އިން ބުނި ގޮތުގައި، ކްލިނިކުގައި ބަލި މީހުންނަށް ފަރުވާ ދެވޭނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށެވެ. އަދި މިފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ހަދަންޖެހޭ ޓެސްޓުތައް ޤަވާއިދުން ހެދުމާއި އަދި ފޯރުކޮށްދޭން ޖެހޭ އެންމެހައި މައުލޫމާތު ކްލިނިކުގެ ސިއްޙީ މާހިރުންގެ ޓީމުން ދެމުންދާނެ ކަމަށް އޭއީއެޗްއިން ބުނެއެވެ.

މީގެ ސަބަބުން ބަލިމީހާ ހަދަން ޖެހޭ ޓެސްޓުތައް ޤަވާއިދުން ހެދި، ކޮންމެ ފަހަރަކު އަލުން ހުރިހާ ކަމެއް އަމިއްލައަށް ބަލަން ނުޖެހި އެއް ތަރުތީބެއްގެ ތެރެއިން ފަރުވާގެ ކަންކަން މެނޭޖް ކުރެވިގެންދާނެ ކަމަށް އޭއީއެޗުން ބުނެއެވެ.

އައްޑޫގައި މިހާތަނަށް ގައިން ގަޔަށް ނާރާ ބަލިމީހުންގެ މައުލޫމާތު ފުރިހަމައަށް ބެލެހެއްޓިފައި ނުވެއެވެ. ނަމަވެސް މި ކްލިނިކުގެ ސަބަބުން އައްޑޫގައި މިފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ މައުލޫމާތު އެއްކުރެވި ބެލެހެއްޓިގެން ދާނެ ކަމަށް އޭއީއެޗުން ބުނެއެވެ.

އޭއީއެޗްގައި އެންސީޑީ ކްލިނިކެއްގެ ހުޅުވައި އައްޑޫގައި މިފަދަ ބަލިމީހުންގެ ފަރުވާ ކަންކަން އިންތިޒާމެއްގެ ދަށުން މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދާދި ފަހުން ވޯލްޑް ބޭންކުން ހެދި ދިރާސާއެއްގައި ރާއްޖޭގައި މިފަދަ ބަލިތައް އެހެން ޤައުމުތަކުގެ އާބާދީއާއި އަޅާ ބަލާއިރު ގިނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މި ފަހަކަށް އައިސް ރާއްޖޭގައި ކުއްލި މަރުތައް ވެސް ދަނީ އިތުރުވަމުންނެވެ.