Last Updated: April 20, 09:14
Saturday, April 20, 2024
ވިޔަފާރި

މެޓަގެ 13 ޕަސެންޓް މުވައްޒަފުން ވަކިކުރަނީ

ފޭސްބުކް ފަދަ ސޯޝަލް ޕްލެޓްފޯމްތައް ހިންގާ މެޓައިން އެތަނުގެ 13 ޕަސެންޓް މުވައްޒަފުން ވަކިކުރަން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މާކް ޒަކަބާގްގެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ފޭސްބުކާއި އިންސްޓަގްރާމާއި ވަޓްސްއެޕްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 13 ޕަސެންޓް މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. މި ގެންނަ ބަދަލާ އެކީ މެޓަގައި މަސައްކަތްކުރާ 87،000 މުވައްޒަފުންގެ ތެރެއިން 11،000 މުވައްޒަފުން ވަޒީފާ ގެއްލިގެން ދާނެ އެވެ.

ޒަކަބާގް ވިދާޅުވީ މިއީ ކުންފުނީގެ ތާރީހުގައި ވެސް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަަމަށާއި އެކަމަކު މުވައްޒަފުން މަދުކުރުމަކީ މިހާރު ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ.

"އެކަމަށްޓަކައި މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑަށް މައާފަށް ވެސް އެދެން". އޭނާ ވިދާޅުވި އެވެ.

ޒަކަބާގް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ވަބާގެ ތެރޭގައި ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް އޭގެ ފަހުން ވަނީ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ވިޔަފާރީގެ ވާދަވެރިކަން އިތުރުވުމާއި "މެކްރޯއިކޮނޮމިކް ޑައުންޓާން" އާ ހެދި ކުރިން ލަފާކުރި ގޮތާ ހިލާފަށް ފައިދާ އިތުރު ނުވާ ކަމަށް ވިދާޅުވި އެވެ.

"އޭގެ ޒިންމާ ވެސް އަހަރެން ނަގަން. އެއާ އެކީ އެބަޖެހޭ ހަރަދުތައް ވެސް ކުޑަކުރުމަށްޓަކައި މުވައްޒަފުން މަދުކުރަން." ޒަކަބާގް ވިދާޅުވި އެވެ.