Last Updated: April 20, 07:18
Saturday, April 20, 2024
ރިޕޯޓް

25 ކިލޯގެ ބަރަބޮލެއް؛ މިއީ ރާއްޖޭގެ ރެކޯޑެއް!

ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި ދަނޑުވެރިކަން ކުރާ މީހުން ބޮޑެތިކޮށް ތަރުކާރީ އާއި މޭވާ ހެއްދުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތަށް މަސައްކަތްކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދާ މީހުން ގިނަ އެވެ. ދުނިޔޭގެ ރެކޯޑަކަށް ނުވިޔަސް ރާއްޖޭގައި ވެސް "ރާއްޖޭގެ ރެކޯޑަކަށް ވެދާނެ" ވަރުގެ ބަރަބޮލެއް މި ވަނީ ހައްދައިފަ އެވެ.

މީގެ ބަރުދަނުގައި 25 ކިލޯ ހުއްޓެވެ. މި ބަރަބޮލުގެ ވާހަކަ އައްޑޫ މީދޫ "ޒުވާން ދަނޑުވެރިޔާ" ހުސައިން ރަމްޒީ އޭނަގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެކަމަކު މިއީ ވަރަށް ފުޅާކޮށް އަމިއްލަ ރަށުގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިޔާގެ ދަނޑުގައި ހެއްދި ބަރަބޮލެއް ނޫނެވެ.

ރާއްޖޭގައި ހެއްދި އެންމެ ބޮޑު ބަރަބޮލަކީ ހައިޑަވޭ ބީޗް ރިސޯޓުގައި ހެއްދި އެއްޗެކެވެ. މި މަސައްކަތުގެ މުގުލުގައި ފަހަތުގައި ހުރީ އެ ރިސޯޓްގެ މެނޭޖަރުގެ މަގާމުގައި ހުރި އައްޑޫ ފޭދޫ މުހައްމަދު އަފްސަލެވެ. މި ބިޔަ ބަރަބޮލަކީ ރާއްޖޭގައި އާންމުކޮށް ހައްދައި ނޫޅޭ ވައްތަރެއް ކަމަށްވާ "ޖަޔަންޓް ޕަމްޕްކިން" ނުވަތަ "ހެލޮވީން ޕަމްޕްކިން" އެކެވެ. މިއީ ރާއްޖޭން ބޭރުން މުޑުވަށް ގެނެސްގެން ކުރި މަސައްކަތުގެ ނަތީޖާ އެވެ.

ހައިޑަވޭގެ މި ބަރޮބޮލަކީ އެތަނާއި ލިލީ ހޮޓެލްސް ގުޅިގެން ރިސޯޓްގައި މިހާރު ހައްދަމުން އަންނަ ބަރަބޮލުގެ ވައްތަރެކެވެ. މި ބަރަބޯ ކެނޑީ އަންގާރަ ދުވަހު އެވެ. ކާޅުގެ އުނދަގުލާ ހެދި ބަރަބޯ އިތުރަށް ބޮޑު ވަންދެން ބޭއްވެން ނެތުމުން ކެނޑީ އެވެ. އެހެން ނޫން ނަމަ އަދި ހަތަރު ވަރަކަށް މަހުން މީގެ ސައިޒް މިއަށް ބޮޑުވެދާނެ އެވެ.

ހައިޑްވޭގައި ކުރެވެމުން އަންނަ މި މަސައްކަތަކާ ބެހޭ ގޮތުން ރަމްޒީ ބުނީ މިހާރު ވެސް "ހެލޮވީން ޕަމްޕިކިން" ގެ މިބާވަތުގެ ކުދި ބަރަބޯތައް ރިސޯޓުގެ ދަނޑުގައި ހައްދަމުން އަންނަ ކަމަށެވެ. އޭނަ ބުނި ގޮތުގައި ޢާންމުކޮށް މީހުން ނުހައްދާ ބާވަތެއް ރާއްޖޭގައި ހެއްދުމަކީ އަމިއްލަ އަށް ވެސް ވަރަށް ތަޖުރިބާކުރަން ބޭނުންވާ ކަމެކެވެ. "ހެލޯވިން ޕަމްޕްކިން" ބަރަބޯ އައްޑޫގައި ހައްދަން ވަރަށް އަވަހަށް ފަށާނެކަމަށް ބުންޏެވެ.

މިހާތަނަށް ދުނިޔޭގައި ހެއްދި އެންމެ ބޮޑު ބަރުބޮލަކީ އިޓަލީގައި ހެއްދި 1،226 ކިލޯގެ ބަރަބޮލެކެވެ. އެ ގައުމުގެ ޓަސްކޭނީގެ ދަނޑުވެރިއެއް ކަމަށްވާ ސްޓެފާނޯ ކަޓްރޫޕީ ހެއްދި ބަރަބޯ ދައްކައިލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ގައި ބޭއްވި ފެސްޓިވަލެއްގަ އެވެ.