Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މާލޭގެ ގަރާޖެއް ރޯވުން: މިހާތަނަށް 10 މަރު

މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

މި ހާދިސާގެ މިހާތަނަށް 10 މީހަކު މަރުވެފައިވާކަން ސަލާމަތީ ބާރުތަކުން ވަނީ ކަށަވަރުކޮށް ދީފަ އެވެ. ނަމަވެސް މަރުވި މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް އަދި ރަސްމީކޮށް ހާމައެއްނުކުރެއެވެ. މަރުވި މީހުންގެ ތެރޭގައި ބަންގަލަދޭޝް އާއި އިންޑިއާ އަދި ސްރީލަންކާގެ މީހުން ހިމެނެއެވެ. އަދި މީގެ ތެރޭގައި ދެ ޖިންސްގެ މީހުން ހިމެނެއެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާ މީހުންނެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ ގަލޮޅު ސަހަރާގެ މޯޗަރީ އަށް ގެންގޮސްފައެވެ.

އަދި އިމާރާތުގެ ތެރޭގައި އަދިވެސް އިތުރު ބަޔަކު ތާށިވެ ސަލާމަތް ނުކުރެވި ތިބި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ބައެއް މީހުންވީ ވީނުވީއެއް ނޭނގި އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން މީގެ ކުޑަ އިރުކޮޅެއް ކުރިން އެމްއެންޑީފުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ރޯވި އިމާރާތުގެ ތެރޭގައި އަދިވެސް އިތުރު ބަޔަކު ތިބެދާނެ ކަމަށާއި އަދި ހާދިސާގައި ގެއްލުންވި ބަޔަކަށް ހޮސްޕިޓަލްގައި ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އަދި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. އެމްއެންޑީއެފުން ބުނީ އިމާރާތުގެ މީހުން އުޅޭ ބައިގައި ވަކިވަކިން ކައްކައި ހަދާތީ ގިނަ އަދަދެއްގެ ކޭސް ފުޅިތަކެއް ވެސް އެތަނުގެ ތެރޭގައި ހުރި ކަމަށެވެ. އަދި މިކަމާ ގުޅިގެން ހިންގާ އޮޕަރޭޝަން ހުއްޓައިލާނީ ރޯވި ތަން އެއްކޮށް ސާފުކޮށް، އިތުރު ބައެއްގެ ހަށިތައް އެތެރޭގައި ނެތްކަން ކަށަވަރުކުރުމަށް ފަހު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 12:30 ހާއިރު ލިބުމާ ގުޅިގެން ފަޔަ އެންޑް ރެސްކިއުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ ފަތިހު 4:34 ހާއިރު ކަމަށް ސިފައިން ބުންޏެވެ. އެ ހާދިސާއާ ގުޅިގެން ރޭ 14 މީހަކު ސަލާމަތްކޮށްފައިވެ އެވެ.

މާލޭގައި 2019 ގައި ވެސް އަލިފާނުގެ ނުރައްކާތެރި ބޮޑު ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި އަންހެނަކު ފިހިގެން މަރުވެފައިވެ އެވެ. ރޭ ރޯވި ގަރާޖަކީ ކުރިން ވެސް އަލިފާނުގެ އެތައް ހާދިސާއެއް ހިނގާފައިވާ ތަނެކެވެ. އަދި މިއީ މިހާތަނަށް ފަހުގެ ތާރީހެއްގައި ރާއްޖޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.