Last Updated: April 18, 21:56
Thursday, April 18, 2024
ދުނިޔެ

ލަންކާ އިން މަންކީޕޮކްސްގެ ދެވަނަ ކޭހެއް

ސްރީ ލަންކާ އިން އަނެއްކާ ވެސް މަންކީޕޮކްސް ޖެހިފައިވާ މީހަކު ފެނިއްޖެ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ ބަލި ޖެހުނު ދެވަނަ މީހާ އަކީ ފުރަތަމަ މީހާ ގޮތަށް ދުބާއީ އަށް ދަތުރުކޮށްފައި ގައުމަށް އެނބުރި އައި ފިރިހެނެއް ކަމަށެވެ. ލަންކާ އިން ފެނުނު މަންކީޕޮކްސްގެ ފުރަތަމަ ކޭހަކީ ދުބާއީން މި މަހުގެ 1 ވަނަ ދުވަހު އެނބުރި ގައުމަށް ދިޔަ 20 އަހަރުގެ ޒުވާނެކެވެ. އޭނަ ބައްޔަށް ޕޮޒިޓިވްކަން ކަށަވަރުވީ ޖެހިގެން އައި ދުވަހު އެވެ.

ފުރަތަމަ ފަހަރަށް ލަންކާ އިން މަންކީޕޮކްސްގެ ކޭހެއް ފެނުނުކަން ހާމަކުރީ މި މަހުގެ 4 ވަނަ ދުވަހު އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުން މަންކީޕޮކްސްގެ ކޭސްތައް ފެނުން އިތުރުވެ، އެކަމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ގޮވާލާފައިވެ އެވެ.

މިހާތަނަށް ފެނުނު މަންކީޕޮކްސްގެ ގިނަ ކޭސްތަކަށް ބަލާ އިރު، މިއީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭގައި ގިނަ ބައްޔެކެވެ. ހާއްސަކޮށް އެފަދަ ފިރިހެނުންގެ ތެރޭގަ އެވެ.

މަންކީޕޮކްސްގައި ބައެއް ގައުމުތަކުން މީހުން މަރު ވެސް ވެފައިވެ އެވެ.