Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ޔާމީން އެދުނީ އައްޑޫގައި "އިންޑިއާ އައުޓް" ޖައްސަން!

އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާއި، ބައެއް ޒުވާނުންނާއި ބައްދަލުކޮށް އިންޑިއާ އައުޓު ހަރަކާތް ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމު އެދިވަޑައިގެންފިއެވެ.

މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ބައެއް ވިޔަފާރިވެރިންނާއި، އެކި އުމުރުފުރައިގެ މީހުންނާއި ބައްދަލުކޮށްފައެވެ. ރައީސް ޔާމީން ވަނީ އެގޮތަށް ބައްދަލު ކުރި މީހުންގެ ކިބައިން އައްޑޫން އިންޑިއާ މީހުން ބޭރު ކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިފެންފައެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ދިން އެ ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިއަކު ބުނީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަތީ އައްޑޫން އިންޑިއާ މީހުން ބޭރު ކުރުމަށް ކަމަށެވެ.

ހިތަދޫގައި ހުންނަ ނަޝީދުގެ އޮފީހުގައި އިންޑިއާ އައިޓް ޖަހާފައި – ފޮޓޯ: އައްޑޫލައިވް

"ރައީސް ޔާމީން އެދިވަޑައިގަތީ އިންޑިއާ މީހުން ބޭރު ކުރުމަށް މަސައްކަތް ކުރުމަށް، ވިދާޅުވި އެހެން ނޫނިއްޔާ މި އިންތިހާބު ކާމިޔާބު ކުރަން އުނދަގޫވާނެ ކަމަށް، އަދި ވިޔަފާރިތަކަށް ރަނގަޅުވާނީވެސް އިންޑިއާ މީހުން ބޭރުކޮށްގެން ކަމަށް" ވިޔަފާރިވެރިޔާ ބުންޏެވެ.

ޕީޕީއެމްގެ ހިތަދޫގެ އިސް އޮފިޝަލަކުވެސް ވިދާޅުވީ ވަކިވަކިން ޒުވާނުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވެސް އިންޑިއާ އައުޓު ހަރަކާތް ފުޅާކޮށް ކުރިއަސް ގެންދިއުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

އައްޑޫ ކައުންސިލްގެ ފާރުގައި އިންޑިއާ އައުޓް ޖަހާފައި – ފޮޓޯ: އައްޑޫލައިވް

އިންޑިއާ އައުޓިު ހަރަކާތް ކުރިއަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީން އެކި ފަރާތްތަކަށް ބާރުއެޅުއްވި އިރު މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ހިތަދޫގައި ހުންނަ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާން ވިދާޅުވީ އެމަނިކުފާނުގެ މޭމަތީގައި ނުވަތަ ގެކޮޅުގައި އިންޑިއާ އައުޓް ޖަހައިގެން ނިކުތުމުން އެކަން މަނާކޮށްފާނެ ކަމަށާއި ނަމަވެސް އެއް ފަހަރާ އައްޑޫގެ ހުރިހާ ގެއެއްގައި އިންޑިއާ އައުޓް ޖަހައިފިނަމަ ފުލުހުން އުޅޭނީ ވަރަށް ހާލުގައި ކަމަށް ވިދާޅުވެފަ އެވެ.

އަދި މިކަން ކޮށްފިނަމަ އައްޑޫ ރައްޔިތުންގެ ވޯޓު ހޯދަން ސަރުކާރުގެ ބޭފުޅުން އައްޑޫ އަށް ނާންނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ހަމަ އެކަން ހިތަށް އެރީމަ ވެސް ހަމްދަރުދީވޭ. ހީއެއް ނުވޭ އެކަން ކުރާކަށް މި ސަރުކާރަކަށް އެއްވެސް ކަހަލަ ހިތްވަރެއް ހުންނާނެހެން. އެކަންކޮށްފި ކަމަށްވާނަމަ ތިބޭފުޅުންގެ ވޯޓު ހޯދާކަށް މިތަނަކަށް ނާންނާނެ. އެހެންވީމަ މިކަން ކޮށްލެވޭނެތޯ؟" ޔާމީން ވިދާޅުވި އެވެ.

ޔާމީން އައްޑޫން ފުރާވަޑައިގެންފައި ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި ރޭގެ ދަންވަރުގެ ވަގުތެއްގައި ހިތަދޫގައި ހުންނަ ރައީސް ނަޝީދުގެ އޮފީހުގެ ބިއްލޫރިގަނޑުގައި ވަނީ އިންޑިއާ އައުޓު ސްޕްރޭއިން ލިޔެފައެވެ. މީގެ އިތުރުންވެސް އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރުގަ އާއި، މޭޔަރ އަލީ ނިޒާރު ދިރިއުޅުއްވާ ގޭގެ ފާރުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިންގެ ގޭގެ ފާރުގައި ވަނީ އިންޑިއާ އައުޓު ލިޔެފައެވެ.

ރައީސް ޔާމީން އައްޑޫގައި އިންޑިއާ އައުޓު ހަރަކާތް ފުޅާ ކުރުމަށް އެދިވަޑައިގެންނެވި އިރު މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފަ އެވެ.