Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ހެލްތު ޓޫރިޒަމަށް ފުރުސަތު އެބައޮތް: ނަސީމު

ރާއްޖޭގައިހެލްތު ޓޫރިޒަމް ކުރިއެރުވުމަކީ ރަނގަޅު މަސައްކަތަކަށް ވާނެ ކަމަށާއި އެކަމަށް ފުރުސަތު ވެސް އޮތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީގެ 50 އަހަރު ކުރިން ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރުމުގައި މަސައްކަތުގެ މުގުލުގައި ހުންނެވި އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަސީމް "ރާއްޖެ ޓީވީ" ގައި ވިދާޅުވީ ހެލްތު ޓޫރިޒަމް ފަދަ ކަންކަމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮންނަ ކަމެއް ކަމަށެވެ. އަދި މިހާރު މިކަން ރާއްޖެ އަށް ވެސް އެކަން ގެންނަން ވެއްޖެކަމަށް ގަބޫލުކުރައްވާ ކަމަށް ނަސީމު ވިދާޅިުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ފައިދާތަކެއް ކުރާނެ އެވެ. އެގޮތުން ވިޔަފާރިތަކަށް ކުރާ ފައިދާގެ އިތުރުން ސިއްހީ ދާއިރާ، ޕްރައިވެޓް ސެކްޓަރަށް ވަރަށް ބޮޑަށް ހުޅުވިގެން ދާނެ ކަމަށް ނަސީމު ވިދާޅިވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ އަކީ ރިސޯޓު ޓޫރިޒަމްގައި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ގައުމަކަށްވާ އިރު، ޓޫރިޒަމާއި ސިއްހަތު ގުޅުވައިގެން އިތުރު ފުރުސަތުތަކެއް ނުހޯދޭނެ ސަބަބެއް ވެސް ނެތެވެ.

މިނިސްޓަރު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުން އިސް ނަގައިގެން މިކަން މިހާރު ވެސް ކުރަންވީ ކަމަށާއި މިކަމާ ގުޅޭ ގޮތުން ވެސް މިހާރު ވެސް ބައެއް ރިސޯޓުތަކާ އެކީ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ނަސީމް ވިދާޅުވި ގޮތުގައި ބައެއް ރިސޯޓުތަކުން މިކަމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ އިރު އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް އޮތީ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފަ އެވެ. އެހެންވެ އެކަމަށް ހިތްވަރު ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ މިކަމަަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.