Last Updated: October 1, 14:18
Sunday, October 1, 2023
ވިޔަފާރި

ޑިޒްނީން ވެސް މުވައްޒަފުން މަދުކުރަނީ

ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނިތަކުން މިހާރު މުވައްޒަފުން މަދުކުރަމުން އަންނަ އިރު، އެމެރިކާގެ ޑިޒްނީން ވެސް މުވައްޒަފުން މަދުކޮށް، ހަރުދަތައް ކުޑަކުރަން ފިޔަވަޅުތަޅެއް އަޅަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ސީއީއޯ ބޮބް ޝަޕެކް އިއްޔެ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ އުނދަގޫ ނިންމުމެއް ނަމަވެސް މުވައްޒަފުންތަކެއް މަދުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. މިކަމަކީ ކުންފުނީގެ ލީޑަޝިޕަށް ކުރަން ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް ހަރަދުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ބޮބްގެ މެމޯގައި ވަނީ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. އޭނަ ވިދާޅުވީ ޑިޒްނީގެ 100 އަަހަރުވީ ދިގު ތާރީހުގައި އުނދަގޫ އަދި އެތައް ގޮންޖެހުމެއް މިހާތަނަށް ތަޖުރިބާކޮށްފައިވާނެ ކަމަށެވެ.

"އެހެންވީމަ އެއްވެސް ޝައްކެއް ނެތް ކުންފުނީގެ ކުރިމަގަށްޓަކައި މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ އެކީ ވެސް އަހަރެމެންނަށް ކާމިޔާބީތައް ހޯދޭނެކަމާ ދޭތެރޭ." ބޮބް ވިދާޅުވި އެވެ.

ޑިޒްނީން ބުނީ މުވައްޒަފުން މަދުކޮށް، ހަރުދަތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ފެށުމުގެ ކުރިން ކުންފުނީގެ ކޮންޓެންޓްތަކާއި މާކެޓިން އަށް ކުރެވެމުން އަންނަ މަސައްކަތްތައް ވަރަށް ބޮޑަށް ރިވިއުކުރާނެ ކަމަށެވެ.

މި ފަހުން މުވައްޒަފުން މަދުކުރަން ނިންމި މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ނެޓްފްލިކްސް އާއި ޓްވިޓާ އާއި ފޭސްބުކް ހިންގާ މެޓަ ފާހަގަކޮށްލެވެ އެވެ.

މިދިޔަ މަހުގެ 16 އަށް 99 އަހަރު ފުރުނު ޑިޒްނީގެ މުވައްޒަފުންގެ އަދަދު 195،000 އަށް އަރަ އެވެ.