Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ގަމުގައި އިތުރު ދަރިވަރަކަށް ސީޕީއެލް

އައްޑޫ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުން އަނެއްކާ ދަރިވަރަކު ކޯސް ފުރިހަމަކޮށް، ކޮމާޝަލް ޕައިލެޓް ލައިސެންސް (ސީޕީއެލް) ހޯދައިފި އެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ނަމުގައި މި އަހަރުގެ ޖެނުއަރީ މަހު ގަމުގައި ހިންގަން ފެށި ފްލައިން ސްކޫލްގައި މި ފަހަރު ކޯސް ފުރިހަމަކުރި ދަރިވަރަކީ އީމަން އިބްރާހީމެވެ. އޭނަ އަކީ އާ ފްލައިން ސްކޫލުގައި ކޯސް އެންމެ ފުރަތަމަ ފުރިހަމަކުރި ތިން ދަރިވަރުންގެ ތެރޭގައި ހިމެނުނު ދެވަނަ އަންހެން ދަރިވަރެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ހިންގާ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި އެންމެ ފުރަތަމަ ކޯސް ފުރިހަމަކުރި ދަރިވަރުންނަކީ މިދިޔަ މަހު ސީޕީއެލް ހާސިލުކުރި އަޖްމަލް ފަރީދާއި ރަޔާހް ރަޝީދެވެ.

އާ ފްލައިން ސްކޫލްގައި ކޯސް ފުރިހަމަކުރުމުގެ ޝަރަފު އެންމެ ފުރަތަމަ ލިބޭ މި ދަރިވަރުންނަކީ ކުރިން ގަމުގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ހިންގި ފްލައި ސްކޫލް 2020 ގައި ހުއްޓާލި އިރު، ކޯސް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންގެ ތެރެއިން ދަރިވަރުންނެވެ. އޭގެ ތެރޭގައި 35 ދަރިވަރަކު ހިމެނެ އެވެ.

އެހެންވެ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީން އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އެ ދަރިވަރުންނަށެވެ.

މި ފްލައިން ސްކޫލަކީ އައިއޭއެސް އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން އުފެއްދި ތަނެކެވެ. އަދި އެތަން ހިންގަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީއާ ގުޅިގެންނެވެ.