Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހަންކެޑެއިގެ ވެލުއޭޝަން ހަދާނެ ބަޔަކު ހޯދަނީ

ރިއަލް ސްޓޭޓް އުސޫލުން ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ނިންމާފައިވާ އައްޑޫ ހަންކެޑެއިގެ ވެލުއޭޝަން ހަދައިދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ހަންކެޑެއިގެ އެސެޓް ވެލިއުއޭޝަން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު މި މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ބީލަން ހުޅުވަން ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 11:30 ގަ އެވެ. މިކަމާ ބެހޭ އިތުރު އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާ މި މަހުގެ 15 ގެ ކުރިން އީމެއިލްކުރަން ޖެހެ އެވެ. މެއިލް ކުރާނީ މި އެޑްރެހަށެވެ.

ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަން ވަނީ ޕްލޭންކޮށްފަ އެވެ.

މަރަދުއާ ލިންކް ރޯޑުން ގުޅިފައި އޮންނަ ހަންކެޑެ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު 2 ގަ އެވެ. އޭގެ ކުރިން ވެސް އެތަނަކީ ޓޫރިޒަމަށް އައްޑޫގައި ތަރައްގީކުރަން އެކި ފަހަރު މަތިން މަސައްކަތް ކުރެވުނު ތަނެކެވެ.

މި ސަރުކާރުން ހަންކެޑެ ތަރައްގީކުރަން ނިންމާފައި ވަނީ ސަރުކާރު ސަތޭކަ ޕަސެންޓް ހިއްސާވާ އެމްއެފްއެމްސީގެ ދަށުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި އެތަނުގެ ކުރެހުންތައް އަންނަނީ ނިންމަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަންކެޑެ ތަރައްގީކުރާނީ ރިސޯޓް އޮޕަރޭޓްކުރާ އުސޫލާ ހިލާފަށް އެތަނުގެ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށް ފަހު، އާންމުންނަށް އައުޓްސޯސްކޮށްގެން ހިންގާ ގޮތަށެވެ. އެގޮތުން ހަންކެޑެއިގައި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ކެފޭ/ރެސްޓޯރަންޓްތަކާއި ޑައިވް ސްކޫލްތަކާއި ވޯޓަ ސްޕޯޓްސް ސެންޓަރުތަކާއި ސްޕާ އާއި ޝޮޕިން ފަދަ ވަސީލަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓުން ގާއިމުކުރާނީ ޑިވެލޮޕަރެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވި އެވެ.

"އެ ތަންތަން ޑިވެލޮޕްކޮށްފައި އޮޕަރޭޓްކުރަން ދޫކޮށްލާނީ އާންމުން ވިޔަފާރިތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ. "ހާއްސަކޮށް ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް. އަދި އަންހެން ބޭފުޅުންގެ ވިޔަފާރިތަކަށް."

ހަންކެޑެ އަކީ ކުރިން 120 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކުރަން ޕްލޭންކުރި ތަނެކެވެ.