Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މައިލޯ ކްލަބުގެ ދައުވަތަކަށް ޝަވަން އައްޑު އަށް

ހދ. މަކުނުދޫ ސްކޫލްގެ ފުޓްބޯޅަ މުބާރާތުގައި އެއް ފައިން ފުޓްބޯޅަ ކުޅުނު ޝަވަން މުޙައްމަދު މައިލޯ ސިޓީ ފުޓްބޯޅަ ކްލަބުގެ ދައުވަތަކަށް މިރޭ އައްޑޫ ސިޓީ އަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުމުރުން ހަތް އަހަރުގެ ޝަވަން އެއް ފައިން ފުޓްބޯޅަ ދަނޑުގައި ދެއްކި ހިތްވަރަށް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުރީފް ކުރަމުންނެވެ. އެގޮތުން ޝަވަން އަށް ފައެއް ޖަހަން އެހީތެރިވާން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ޝަވަން އައްޑޫ އަށް އައުމަށް ހަމަޖެހިފައި ވަނީ މިރޭ 9:30 ހާއިރު އެވެ. ޝަވަން އަށް އައްޑޫން ރަތްދޫލައިގެ މަރުހަބާއެއް ކިޔަން މައިލޯ ސިޓީ ފުޓްބޯޅަ ކްލަބުން ތައްޔާރުވެފައިވާއިރު ޝަވަން އަށް އެހީތެރިވުމުގެ ގޮތުން ފަންޑް ރެއިޒިން އިވެންޓެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އައްޑޫގައި މިހާރު ކުރިއަށްދާ އައްޑު ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ވެސް ޝަވަން އަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ޝަވަން އާއެކު އިތުރު ހަރަކާތްތަކެއް ހިންގުމަށް މައިލޯ ޓީމުން ވަނީ ރާވާފަ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ޝަވަން އަށް ލިބުނު ތައުރީފާއެކު އޭނާ އަށް ޕްރޮސްތެޓިކް ފައެއް ޖަހަން އެންސްޕާއިން އެހީވާން ނިންމައި އެކަމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.

ޝަވަން އަކީ ފުޓްބޯޅައިގެ އިތުރުން މަކުނުދޫ ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވެމުން އަންނަ ހިތްވަރު ގަދަ ދަރިވަރެކެވެ.