Last Updated: April 26, 23:59
Saturday, April 27, 2024
ކުޅިވަރު

ރަސޫލާގެ ހަދީޘް ބޯޑުތަކުން ގަތަރު ފުރާލައިފި

ވޯލްޑް ކަޕާ ދިމާކޮށް ކީރިތި ރަސޫލާގެ ހަދީޘްތައް ފެންނަ ބޯޑުތަކުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ، ގަތަރު ފުރާލައިފި އެވެ.

ވޯލްޑް ކަޕް މި މަހު 20 ގައި ފަށާއިރު ވޯލްޑް ކަޕްގެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ކަށަވަރު ނުކޮށްދޭތީ އާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތަށް ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެކި ގޮތްގޮތުން ކިޔަމުންދާ ފާޑުކިޔުންތަކާ އެކު ވެސް ވޯލްޑް ކަޕަށް ގަތަރުން އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެގޮތުން މުބާރާތަށް ގައުމު ޒީނަތްތެރި ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރަސޫލާގެ ހަދީޘްތަކާއި އޭގެ މާނަ ފެންނަ ބޮޑެތި ބޯޑުތައް ގަތަރުގެ އެކި ހިސާބުތަކުގައި ބަހައްޓަން ފެށުމެވެ.

މިއީ ވޯލްޑް ކަޕް ގަތަރަށް އަންނަ މީހުން އިސްލާމްދީނަށް އަހުލުވެރި ކުރުވުމުގެ ގޮތުން ކުރާ ކަމެކެވެ. ވޯލްޑް ކަޕް ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނަކަށް ވުރެ ގިނަ މީހުން ގަތަރަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ އަރަބި ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕްގެ 64 މެޗު ކުޅުމަށް ގަތަރުން މުޅިން އަލަށް ހަތް ސްޓޭޑިއަމެއް އިމާރާތްކޮށްފައިވާ އިރު ވޯލްޑް ކަޕަށް ހާއްސަކޮށް މުޅިން އާ އެއާޕޯޓުތަކާއި 100 އަށް ވުރެ ގިނަ ހޮޓެލްތައް ވެސް އިމާރާތްކޮށްފައިވެ އެވެ.

ޖުމްލަ 32 ޓީމު ވާދަކުރާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.