Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

އާބާދީގެ 14 ޕަސެންޓަކީ ހަކުރުބަލީގެ މީހުން

ދުވަސްވީ މީހަކު ހަކުރަށް ޓެސްޓްކުރަނީ.

ރާއްޖޭގެ އާބާދީގެ 14 ޕަސެންޓް މީހުންނަކީ ހަކުރުބަލީގެ މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ އިރު، އޭގެ ތެރޭގައި އެންމެ ގިނަ އެއް ބައްޔަކީ ހަކުރުބައްޔެވެ. އެގޮތުން ދާދި ފަހުން އާންމުކުރި "ސްޓެޕް ސާވޭ 2020-2021" އިން ދައްކާ ގޮތުގައި އާބާދީގެ 14 ޕަސެންޓް މީހުންނަކީ މިހާރު ހަކުރުބަލީގެ މީހުންނެވެ.

ހަކުރުބަލީގައި ހިމެނޭ އާންމު ދެ ވައްތަރެކެވެ. އެއީ އެއީ ޓައިޕް 1 ޑައިބިޓީސް އާއި ޓައިޕް 2 ޑައިބިޓީސް އެވެ. ހަކުރުބަލީގެ ތެރޭގައި މާބަނޑު އިރު ބައެއް މީހުންނަށް ކުރިމަތިވާ ޖެސްޓޭޝަނަލް ޑައިބިޓީސް ވެސް ހިމެނެ އެވެ. ޓައިޕް 1 ޑައިބިޓީސް އަކީ ކުޑަކުދިންނާއި ޒުވާނުންނަށް އާންމުކޮށް ޖެހޭ ބައްޔެވެ. މި ބާވަތުގެ ހަކުރުބަލި ޖެހޭ މީހުން ކޮންމެ ދުވަހަކުވެސް އިންސިއުލިން އިންޖިކްޝަން ބޭނުންކުރަން ޖެހެ އެވެ. ޓައިޕް 2 ޑައިބިޓީސް ބޮޑެތި މީހުންނަށް އާންމުކޮށް ޖެހުނު ނަމަވެސް ފަހަކަށް އައިސް ކުޑަކުދިންގެ މެދުގައި ވެސް މި ބަލި އިތުރުވަމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކުރެ އެވެ.

ހަކުރުބައްޔަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ހަރަކާތްތެރިކަން ކުޑަވެ، ފަލަވުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން މިއީ ވާރުތަ ވެސް ކުރާ ބައްޔެކެވެ.

އިންޓަނޭޝަނަލް ޑައިނިޓީސް ފެޑެރޭޝަންގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 537 މިލިއަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ.

ދެހާސް އަށާރައިގައި ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 3.7 ޕަސެންޓް މީހުންނަކީ ހަކުރުބަލީގައި މަރުވާ މީހުންނެވެ.

މިއަދު ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު، ޝިއާރަކީ "މާދަމާގެ ރައްކާތެރި ކަމަށް އުނގެނަމާ" އެވެ.