Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

އައްޑޫ ދަތުރުން ޝަވަން އަށް އުފާ!

ހދ. މަކުނުދޫ ސްކޫލްގެ ފުޓްބޯޅަ މުބާރާތުގައި އެއް ފައިން ފުޓްބޯޅަ ކުޅުނު ޝަވަން މުހައްމަދަށް އައްޑޫން ހޫނު މަރުހަބާއެއް ރޭ ކިޔައިފި އެވެ.

ޝަވަން އައްޑު އައީ ރޭގަ އެވެ. އެއީ ހިތަދޫ މައިލޯ ސިޓީ ފުޓުބޯޅަ ކްލަބުގެ ދައުވަތަކަށެވެ.

އައްޑޫން އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން ޝަވަންއަށް މަރުހަބާ ކިޔާފައި ވަނީ މޭޔަރު އަލީ ނިޒާރާއި ކައުންސިލު މެންބަރުންގެ އިތުރުން މައިލޯ ފުޓުބޯޅަ ޓީމުގައި މި ވަގުތު ހިމެނޭ އަލީ އަޝްފާޤް (ދަގަނޑޭ) އާއި އަދި އެކްލަބުގެ މެނޭޖްމެންޓާއި ބައެއް ކުޅުންތެރިންނެވެ. ޝަވަން އަށް އައްޑު އަށް އައީ ރޭ ދަންވަރު 12:30 އެހަކަށްހާއިރު އެވެ.

ޝަވަން އައްޑޫއަށް އައުމުން މަރުހަބާ ކިއުމުގެ ތެރެއިން / ފޮޓޯ: މައިލޯ ފުޓްބޯޅަ ކްލަބް (ޔާމީން)

ޝަވަން އައްޑު އަށް ގެނައުމާ ގުޅިގެން އައްޑޫގައި މިހާރު ކުރިއަށްދާ "އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް" ގެ ފައިނަލް މެޗު ބުދަ ދުވަހު ބަލާލަން ވެސް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ޝަވަން އަށް އެހީވާން އައްޑޫގައި ފަންޑްރެއިޒިން ހަރަކާތްތެއް ބޭއްވުމުގެ އިތުރަށް އެހެނިހެން ބައެއް ހަރަކާތްތަކުގައި ވެސް ޝަވަން ބައިވެރިވާނެ ކަމަށް މައިލޯ ފުޓުބޯޅަ ކްލަބުން ބުންޏެވެ.

އުމުރުން 7 އަހަރުގެ ޝަވަން، އެއް ފައިން ފުޓްބޯޅަ ދަނޑުގައި ދެއްކި ހިތްވަރަށް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުރީފު ކުރަމުންނެވެ. އެގޮތުން ޝަވަން އަށް ފައެއް ޖަހަން އެހީތެރިވާން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. ޝަވަން އަށް ޕްރޮސްތެޓިކް ފައެއް ހޯދައި ދެނީ އެންސްޕާ މެދުވެރިކޮށެވެ. އަދި މިކަމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ޝަވަން އައްޑޫއަށް އައުމުން މަރުހަބާ ކިއުމުގެ ތެރެއިން / ފޮޓޯ: މައިލޯ ފުޓްބޯޅަ ކްލަބް (ޔާމީން)

ޝަވަން އަކީ ފުޓްބޯޅައިގެ އިތުރުން މަކުނުދޫ ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވެމުން އަންނަ ހިތްވަރު ގަދަ ދަރިވަރެކެވެ.