Last Updated: April 25, 06:02
Thursday, April 25, 2024
ރިޕޯޓް

އާރްޓީއެލް؛ ދަތުރު ހަރަދު އަނބުރާ ޖީބަށް!

ރައީސް ސޯލިހް އާރްޓީއެލް ލޯން ފެރީގައި - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ރަށުން ބަނދުން ސަލާމަތްކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި އަމާޒު ހާސިލު ކުރުމަށް އެކި ދައުރުތަކުގައި ތަފާތު ގިނަ މަސައްކަތްކޮށްފައިވީ ނަމަވެސް މުޅި ރާއްޖެ އެއް ނިޒާމެއްގެ ދަށަށް ގެނައުން ވަނީ ބޮޑު ގޮންޖެހުމަކަށްވެފައެވެ. މިމައްސަލަ ހައްލުކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން އިސްނަގައި ފެށި މަސައްކަތަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ނުވަތަ އާރް.ޓީ.އެލް އެވެ.

މިމަސައްކަތުގެ ދަށުން ރާއްޖެ ވަނީ 6 ޒޯނަކަށް ބަހާލާފައެވެ. އަދި ޤައުމީ ފެރީ ނިޒާމުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ، ހދ، އަދި ށ. އަތޮޅު ވަނީ ގުޅޫވާލާފައެވެ. އަގުބޮޑުކޮށް ބޯޓެއް ކުއްޔަށް ނަގައިގެން ކުރި ދަތުރުތައް މިވަނީ ހުރިހާ ރަށެއް އެއްފަހަރާ ގުޅުވާލައި ކުރުވެގެން ގޮސްފައެވެ. އަދި އުތުުރުގެ ރައްޔިތުންގެ ދުލުން މިހާރު ދައްކަނީ މިވާހަކަތަކެވެ.

ދަތުރަށް ޙަރަދު ކުރި ލާރިވެސް ޖީބަށް އަނބުރާ ވަންނަ މަގެއް

ހދ. ފިއްލަދޫގައި ވަޒީފާ އަދާ ކުރާ އަހުމަދު އާދިލް އޭނާގެ އާއިލާ ގާތަށްދާން ދިއްދޫއަށް ދާކަށް މިހާރު ވިސްނާކަށް ނުޖެހެއެވެ. އޭނާ އައިލާ ދިއްދޫގައި ދިރިއުޅޭއިރު އޭނާގެ ވިޔަފާރިއެއްވެސް އެރަށުގައި ހިންގައެވެ. އާދިލް ބުނި ގޮތުގައި އޭނާ ކުރީގައި ހަފްތާ ބަނދަށް އައިލާގާތަށް ދަނީ 1000ރ. ދީފައެވެ. ނަމަވެސް މިހާރު އޭނާ މިކަމާއި ވިސްނަން ނުޖެހެވެ.

" އާރްޓީއެލް އައުމުން އަޅުގަނޑުގެ ދިރިއުޅުމަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިއްޖެ. ފިއްލަދޫގައި ވަޒީފާ އަދާ ކުރިކަމުގައިވިއަސް ވިޔަފާރީގެ މަސައްކަތްތަކެއް ދިއްދޫގައި އެބަ ކުރަން. މިހެން އަންނަ އިރު ވިޔަފާރިއަށް ބޭނުންވާ ކުދި ސާމާނުވެސް އެބަ ގެންނަން. އޭގެ ސަބަބުން 65ރ. ޙަރަދު ކުރާއިރު އެ 65ރ. އަޅުގަނޑު ޖީބަށް ވަންނަ މަގެސް ވެސް ފަހިވޭ. " އާދިލް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި މިހާރު އާއިލާ ކައިރީގައި ހުރެފައި ފަތިހާ ތެދުވެ ޑިއުޓީއަށް ދާން ފިއްލަދޫއަށް ދެވެއެވެ. އެހެން ކަމުން އޭނާއަށްވެސް މިއީ ހިތް ހަމަ ޖެހުމެކެވެ.

އާރްޓީއެލް ފެރީތަކެއް / ފޮޓޯ: ސަރުކާރު

އިމްތިޙާނެއް ހަދަން 9000ރ. ދެއްކި ޢިނާ މިހާރު ވިސްނާކަށް ނުޖެހޭ

ގަދަ ކަނޑު ހުރަސްކޮށް ށ. ބިލެއްފަހި ސްކޫލުގައި މަސައްކަތް ކުރާ ޢިނާ އަހުމަދު ކިޔަވަން ދާން ޖެހެނީ ހދ. ކުޅުދުއްފުށީ ކެމްޕަހަށެވެ. އޭނާ ބްލޮކް އޮންނަ ދުވަސް ދުވަހު މޫސުން ތަން ނުދިނަސް، ކިތަންމެ ބޮޑު އަގެށް ދީފައިވިއަސް ދާން ޖެހެއެވެ.

ށ. ބިލެއްފަހިން ސީދާ ދަތުރުތަކެއް ހދ. ކުޅުދުއްފުށްޓަކަށް އޭރަކުން ނޯވެއެވެ. ކޮންމެ ދުވަހަކު ފަތިހާއި ހޭލާ އޭނާ ބިލެއްފަހިން ފުރައިގެން ފުރަތަމަ ދާން ޖެހެނީ އެ އަތޮޅު ފޭދޫ އަށެވެ. އަދި އެރަށުގައި ކުޑައިރުކޮޅަކު މަޑު ކުރުމަށްފަހު އޭނާ އަސްލު މަންޒިލް ކުޅުދުއްފުށްޓަށް ދެވޭ ކަމަށް ޢިނާ ކިޔައިދިނެވެ. މިދަތުރަށް ބޯޓެއް ހިފައިގެން ދާއިރު 2000ރ. އަށް ވުރެ ގިނައިންދާ ކަމަށް އޭނާ ބުނެއެވެ.

" ހަނދާންވާ ގޮތުން އެއީ ޑިޕްލޮމާގެ ފަހު އެގްޒާމް. އެގްޒާމަށް އެއްވެސް ގޮތަކަށް ނާދެވުނު. ނާދެވިގެން 9000ރ. ދީފައި ލޯންޗެއް ހިފައިގެން މިކޮޅަށް އައީ " ޓެސްޓެއް ހަދަން އޭނާ ދަތުރު ނުކުރެވުނު ދުވަހުގެ ހަނދާތަކުން ޢިނާ ކިޔައި ދިނެވެ.

މިހާރު ޢިނާގެ އަށް ދެކޮޅު ދަތުުރު 280ރ. އަށް އާރްޓީއެލް އާއެކު ކުރެވޭ ކަމަށް އޭނާ ބުނިއެވެ.

ލޭ އަޅަންދާން މިހާރު މޫސުމަށް ބަލާކަށް ނުޖެހޭ

ލޭ އަޅާ ކުދިންނަކީ ވަރަށް ބޮޑަށް ލޭ އެޅުމުގެ ކަންކަމަށް ސަމާލުވެގެން ބަލަހައްޓާ ކުދިންނެވެ. ހދ. ކުރިނބީގައި ދިރިއުޅެމުންދާ ފިޢުރީނާއާއި އޭނާގެ 8 އަހަރުގެ ދަރިފުޅަށްވެސް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައީ އާރްޓީއެލްއާއެކުއެވެ. މަހެއްގެ މައްޗަށް ދެ ފަހަރު ލޭ އަޅަން ދާން ޖެހޭއިރު، މޫސުން ގޯސް ނަމަ ނުދެވޭ ފަހަރު އާންނަ ކަމަށް އެކަނިވެރި މައެއް ކަމުގައި ފިޢުރީނާ ކިޔައި ދިނެވެ.

ފިޢުރީނާ ކިޔައިދިން ގޮތުގައި އޭނާ ކްރޮސް މެޗު ހަދަން އެއް ދުވަހު ގޮސްފައި، ބައެއް ފަހަރު މަޑުވެސްކޮށްލައެވެ. އެއީ ދަތުރުގެ ޙަރަދު ބޮޑުވާތީއެވެ. އަދި މަހެއްގެ މައްޗަށް މި ދަތުރަށް އެކަނިވެސް 1600ރ. ދާ ކަމަށް ފިޢުރީނާ ކިޔަދިނެވެ.

މިހާރު އޭނާގެ އަތުން ދަތުރަށް ދަނީ އެންމެ 200ރ. ކަމަށް އޭނާ ކިޔައިދިނެވެ. އަދި ކޮންމެ ދުވަހަކުވެސް ދެވޭތީ ކްރޮސް މެޗު ހަދާފައި ރަށަށް އައިސް އަނެއް ދުވަހު ދަތުރު ކުރުމުގެ ހިތްހަމަ ޖެހުން އޭނާއަށް މިހާރު އޮވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ރިޔަސީ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ ރަތްތައް ގުޅުވާލުން ހިމެނެއެވެ. ވަޒީފާ އާއި ތަފާތު އެކި ބޭނުންތަކަށް ދަތުރުކުރާ ރައްޔިތުންނަށް އާރްޓީއެލް ގެނެސްދިނީ ޖީބަށް ލުއި ފަސޭހަ މަގެކެވެ. މިހާރު މޫސުން ގޯސްތޯ ވިސްނަން ނުޖެހެއެވެ. ކުއްލިއަކަށް ބޮޑު އަގު ދީފައި ބޯޓެއް ހަޔަރ ކުރަން ޖެހިގެން އެކަން ބޮލު ރިހުމަކަށް ނުވެއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްވެސް މި ފެރީ ނިޒާމުގެ ތެރެއިން ގުޅުވާލެވޭނެއެވެ. މިއީ ރައްޔިތުން ރަށު ބަނދުން ނިކުމެ އަތޮޅުތެރޭ އިޖްތިމާޢީ ގުޅުންތަށް ވަރުގަދަ

އާރްޓީއެލް ކުޅުދުއްފުށި ފެރީ ޓާމިނަލް / ފޮޓޯ: އެމްޓީސީސީ

ކުރަން ލިބިގެން ދިޔަ މުހިންމު ވަސީލަތެކެވެ. އަދި މިނިޒާމުގެ ފަސޭހަ ކަމަކީ ރައްޔިތުންނަށް ބޭނުން އިރަކު ދަތުރު ރޫޓު ބަލާލެވި ޓިކެޓު ނެގުމުގެ ފުރުސަތު އެޕްލިކޭޝަން މެދުވެރިކޮށް އޮވެއެވެ.