Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

އޭއީއެޗްގެ އެންސީޑީ ކްލިނިކް ހުޅުވައިފި

ނަން ކޮމިއުނިކަބަލް ޑިޒީސެސް (އެންސީޑީ) ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކަށް ހާއްސަކޮށްގެން އައްޑޫ އިކްއެޓޯރިއަލް ހޮސްިޓަލް (އޭއީއެޗް) ގައި ހުޅުވަން ނިންމި ކްލިނިކް ރަސްމީކޮށް ހުޅުވައިފި އެވެ.

އެ ކްލިނިކް ހުޅުވައި ހިދުމަތް ފެށުމުގެ ގޮތުން ހެނދުނު ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި އޭއީއެޗްގެ ސީއީއޯގެ މުހައްމަދު ސޯލިހާއި އައްޑޫ ޕަބްލިކް ހެލްތު ޔުނިޓްގެ އިސްވެރިންނާއި ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންގެ އިތުރުން ގައިގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާ ހޯދާ ބައެއް މީހުން ވެސް ބައިވެރިވި އެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި ކްލިނިކް ހުޅުވައި ހިދުމަތްދޭން ފެށުމާ އެކީ ކުރިއަށް ވުރެ ފަސޭހަކޮށް ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ އާއި މައުލޫމާތު ހޯދުން ފަދަ ކަންކަން ކުރިއަށް ދާނެ އެވެ. ސީއީއޯ ވިދާޅުވި ގޮތުގައި ކްލިނިކުން ހިދުމަތް ދެއްވާނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އަދި މީގެ ސަބަބުން އާންމު ސިއްހަތަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައުމަށް މަގުފަހިވެގެން ދާނެ އެވެ.

އޭއީއެޗް އިން ބުނި ގޮތުގައި، ކްލިނިކުގައި ބަލި މީހުންނަށް ފަރުވާ ދޭނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަވެ. އަދި މިފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ހަދަން ޖެހޭ ޓެސްޓުތައް ޤަވާއިދުން ހެދުމާއި އަދި ފޯރުކޮށްދޭން ޖެހޭ އެންމެހައި މައުލޫމާތު ކްލިނިކުގެ ސިއްޙީ މާހިރުންގެ ޓީމުން ދެމުންދާނެ ކަމަށް ބުންޏެވެ.

މީގެ ސަބަބުން ބަލިމީހާ ހަދަން ޖެހޭ ޓެސްޓުތައް ޤަވާއިދުން ހެދި، ކޮންމެ ފަހަރަކު އަލުން ހުރިހާ ކަމެއް އަމިއްލައަށް ބަލަން ނުޖެހި އެއް ތަރުތީބެއްގެ ތެރެއިން ފަރުވާގެ ކަންކަން މެނޭޖް ކުރެވިގެންދާނެ ކަމަށް އޭއީއެޗުން ބުންޏެވެ.

އައްޑޫގައި މިހާތަނަށް ގައިން ގަޔަށް ނާރާ ބަލިމީހުންގެ މައުލޫމާތު ފުރިހަމައަށް ބެލެހެއްޓިފައެއް ނުވެ އެވެ. ނަމަވެސް މި ކްލިނިކުގެ ސަބަބުން އައްޑޫގައި މިފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ މައުލޫމާތު އެއްކުރެވި ބެލެހެއްޓިގެން ދާނެ ކަމަށް އޭއީއެޗުން ބުންޏެވެ.ވެ.