Last Updated: April 25, 09:40
Thursday, April 25, 2024
ވިޔަފާރި

އެމެޒޯނުން 10،000 މުވައްޒަފުން މަދުކުރަނީ

އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯނުން ވެސް މުވައްޒަފުންތަކެއް މަދުކުރަން ނިންމައިފި އެވެ.

ނަން ހާމަނުކުރާ އެ ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް މި ހަފުތާގެ ކުރީކޮޅު ފަށާފައިވާ ކަމަށެވެ. އެގޮތުން 10،000 އެއްހާ މުވައްޒަފުން ވަކިކުރަން ހަމަޖެހިފައިވާ ކަމަށްވެ. އޭގެ ތެރޭގައި އެމެޒޯންގެ ކޯޕަރޭޓް އެންޑް ޓެކްނޮލޮޖީ އާއި ރިޓެއިލް ޑިވިޝަނާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ މުވައްޒަފުން ހިމެނެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ކުންފުނިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ދުނިޔޭގެ އޮންލައިން ވިޔަފާރީގައި ވެސް ރަސްކަންކުރާ އެމެޒޯނުން މުވައްޒަފުންތަކެއް މަދުކުރަން ނިންމި އިރު، އެ ކުންފުންޏަށް ލިބިފައި އޮތް ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެއްގެ މަގާމު ވެސް މިދިޔަ ހަފުތާގެ ފަހުކޮޅު ވަނީ ގެއްލިފަ އެވެ. ހިއްސާގެ އަގަށް ވެސް އައި ވެއްޓުމާއި އާމްދަނީ އަށް މި އަހަރު އެރި ލޮޅުންތަކާ އެކީ މިހާރު އެމެޒޯންގެ ރައުސުލްމާލަކީ 897 ބިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔ އަހަރުގެ ޖުލައިގައި ކުންފުނީގެ ރައުސުލްމާލު 1.88 ޓްރިލިއަން ޑޮލަރަށް އަރަ އެވެ.

މީގެ 28 އަހަރު ކުރިން ވުޖޫދަށް އައި މަހުޖަނު ޖެފް ބެޒޯސްގެ ކުންފުނި، އެމެޒޯންގެ މުވައްޒަފުންގެ އަދަދު 1،544،000 އަށް ވުރެ ގިނަ އެވެ.

މި ފަހުން މުވައްޒަފުން މަދުކުރަން ނިންމި މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ނެޓްފްލިކްސް އާއި ޓްވިޓާ އާއި ފޭސްބުކް ހިންގާ މެޓަ އަދި ޑިޒްނީ ފާހަގަކޮށްލެވެ އެވެ.