Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ދަރިވަރުންނަށް އަރަބި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް

ދަރިވަރުންނަށް އަރަބި ބަސް އުނގަންނައި ދިނުމުގެ ހާއްސަ ޕްރޮގްރާމެއް އިލްމު އިންސްޓިޓިއުޓުން ފަށައިފި އެވެ.

ޢަރަބި ބަސް ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 7-16 އަހަރާ ދެމެދުގެ އުމުރުފުރާގެ މަދަރުސީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ. ޕްރޮގްރާމްގައި ކިޔަވަމުން ދަނިކޮށް 16 އަހަރު ފުރޭ ދަރިވަރުން، ޢިލްމު އިންސްޓިޓުއުޓްގެ އެމްކިޔުއޭ ޢަރަބި ކޯސްތަކަށް ބަދަލުވާން އެދޭ ނަމަ، އެ ފުރުސަތު ފަހިކޮށްދޭނެ އެވެ.

ކުލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަފުތާއަކު ފަަސް ދުވަހު އެވެ. ފީ އަކީ މަހަކު 800ރ. އެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މިއީ ދިވެހ މުޖުތަމަޢުގައި އަރަބި ބަހަށް އަހަންމިއްޔަތުކަން ދޭ މިންވަރު އިތުރުކޮށް، މަދަރުސީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް އަރަބި ބަސް އުނގަންނައި ދިނުމަށް ފެށި މަސައްކަތެކެވެ. ޢަރަބި ބަސް ދަސްކޮށްދޭން ހިންގާ މުޅި ޕްރޮގްރާމް ނިމޭ އިރު، އަރަބި ބަހުން މުޢާމަލާތް ކުރުމާއި އަރަބި ބަހުން ލިޔެފައިވާ ތަކެތި ފަހުމްވުމަށް ބޭނުންވާ ހުނަރު ދަސްކޮށްދެ ދެވޭނެ އެވެ.

އަދި އަރަބި ބަހުން އޯ ލެވެލް އިމްތިހާނު ހަދަން ބޭނުންވާ ދަރިވަރުންނަށް އެ އިމްތިޙާނު ހަދައި، މަތީ ނަތީޖާއެއް ހޯދޭ ފެންވަރު އެ ކުދިންގެ ކިބައިގައި ހުންނާނެ ކަމަށް ޢިލްމު އިންސްޓިޓިއުޓުން ބުންޏެވެ. އެ އިންސްޓިޓިއުޓަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްކޮށް ހުންނަވައިގެން ހިންގާ ތަނެކެވެ.

އެތަނުން ބުނީ އަރަބި ދަސްކޮށްދޭން ހިންގާ ޕްރޮގްރާމަކީ ބައިނަލްއަގވާމީ ގޮތުން ފާހަގަކޮށްލެވޭ މުގައްރަރެއްގެ ތެރެއިން، މަރުޙަލާތަކަކަށް ބަހާލެވިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ.