Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އައްޑޫ ޗެމްޕިއަންޝިޕްގެ ފައިނަލް މިއަދު

މުބާރާތުގައި ބޭރުމަތި އަދި ފޭދޫ ބައްދަލކު ކުރިމެޗުގެ ތެރެއިން، މި ދެޓީމު ވަނީ މި މުބާރާތުގައި މިހާތަނަށް ދެ ފަހަރު ބައްދަލުކޮށްފައި

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި އޮންނާނެ އެވެ.

ހަވީރު 3:45 ގައި އައްޑޫ ސްޓޭޑިއަމްގައި ފަށާ މި މެޗުގައި ވާދަކުރާނީ ފޭދޫ ސްޕޯޓްސް ކުލަބާއި ހިތަދޫ އެފްސީ ބޭރުމައްޗެވެ.

މި މުބާރާތުގެ ފައިނަލް މެޗަށް މި ދެ ޓީމު ނިކުންނަ އިރު މިހާތަނަށް މި ދެޓީމު ވަނީ މި މުބާރާތުގައި ދެ ފަހަރު ކުޅެފަ އެވެ. ބޭރުމައްޗާއި ފޭދޫ ސްޕޯޓްސް ހިމެނުނީ މި މުބާރާތުގެ ގްރޫޕް އޭގަ އެވެ. މި ގްރޫޕްގައި 3 ޓީމު އޮތުމުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ވަނީ ބައްދަލުކޮށްފަ އެވެ.

އެފްސީ ބޭރުމަތި

އެގޮތުން ފުރަތަމަ މެޗު 2-3 ލަނޑުން ކާމިޔާބު ކުރީ ފޭދު އެވެ. މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން 2-1 ލަނޑުން ކާމިޔާބުކުރީ ބޭރުމައްޗެވެ. މުބާރާތުގެ ފައިނަލަށް ބޭރުމަތި ދަތުރުކުރީ ސެމީގައި މަރަދޫ ސްޕޯޓްސްއާ ވާދަކޮށް 2-0 ލަނޑުން މޮޅުވެގެންނެވެ.

ފޭދޫ ސްޕޯޓްސް

ފޭދޫ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ މެދުވަލު އެފްސީ 2-1 ލަނޑުން ބަލިކޮށްގެންނެވެ.

އައްޑޫ ކައުންސިލުން ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނައަޕް ޓީމަށް 25،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފަ އެވެ. މުބާރާތުގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.

ކައުންސިލުން ވަނީ އަންނަ އަހަރުން ފެށިގެން މި މުބާރާތް އައްޑޫ ލީގަށް ބަދަލު ކުރުމަށް ނިންމައިފަ އެވެ.