Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ރައްޔިތުން ފެލުމުގެ ބަދަލުގައި ހަރަދު ކުޑަކުރޭ

ރައްޔިތުން ފެލުމުގެ ބަދަލުގައި ހަރަދު ކުޑަކުރަން ކުރީގެ ބަންޑާރަ ނައިބް ޑރ.މުހައްމަދު މުނައްވަރު ސަރުކާރަށް ގޮވާލައިފި އެވެ.

މުނައްވަރު މިހެން ވިދާޅުވެފައިމިވަނީ ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދުު ފާސްކުރުމާ ގުޅިގެންނެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން މުނައްވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އިތުރަށް ފެލުމުގެ ބަދަލުގައި ބޭކާރު ހަރަދުތައް ކުރުން ހުއްޓާލައި ހަރަދު ކުޑަކުރަން ގޮވާލާ ކަމަށެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

ޤާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރާ ސަބަބެއްގެ ގޮތުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ހަރަދު، ދައުލަތަށް ލިބޭ އާމްދަނީން ހަމަޖެއްސުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކަމަށެވެ.