Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޖޫރިމަނާ ދައްކަން އެފްކޮންސް އަށް މަހެއް

ތިލަމާލެ ބްރިޖް މަސައްކަތުގެ ތެރެއިން ބްރިޖް ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން ކުރި ޖޫރިމަނާ ދައްކަން ދިނީ މަސް ދުވަހުގެ މުއްދަތެއް ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އިންޑިއާގެ ކުންފުނި، ކުރި ޖޫރިމަނާއާ ގުޅޭ ގޮތުން އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެފްކޮންސް ޖޫރިމަނާކުރީ 69.4 މިލިއަން ރުފިޔާއަށެވެ. އަދި އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މި މަހުގެ 13 ގައި އަންގާފައިވާ ކަމަށް ބުންޏެވެ.

އެފްކޮންސް ޖޫރިމަނާކުރީ ޕްލެޓްފޯމެއް ފަރަށް އަރައި ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކުގެ ސާވޭއެއް ވެސް އީޕީއޭ އިން ހެދުމަށް ފަހު އެވެ. އެގޮތުން ފަރުގެ 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

ޕްލެޓްފޯމް ފަރަށް އެރީ އޮގަސްޓް މަހުގެ 16 ގަ އެވެ. އަދި އެ ނެގީ އެ މަހުގެ 27 ގަ އެވެ.

އެފްކޮންސް އަކީ އައްޑޫގެ މަގުތައް ވެސް ހަދާ ކުންފުންޏެވެ.