Last Updated: April 24, 09:10
Wednesday, April 24, 2024
ޚަބަރު

ސާލިހާގެ ޤުރުއާން މުބާރާތަށް ޝަހީމް

ސާލިހާއި އާއި އޭނަގެ ޓީމުން ޝަހީމަށް މަރުހަބާ ދެންނެވުމުގެ ތެރެއިން.

އައްޑޫ މީދޫ ކައުންސިލަރު އައިމިނަތު ސާލިއާ އަމިއްލަ ގޮތުން އިންތިޒާމުކުރެއްވި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.

އައްޑޫން ލިބުނު ދައުވަތުގެ ވާހަކަ ޝަހީމް ސޯޝަލް މީޑިއާގައި ވެސް އޭނާ ހިއްސާކުރައްވާފައިވެ އެވެ. ޝަހީމް ވިދާޅުވީ ކައުންސިލަރު ސާލިހާ މީދޫ "ޔޫސުފް ނާއިބު ޤުރުއާން" މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވުމަށް ދެެއްވި ދައުވަތަށް އިޖާބަދިނުމުގެ ގޮތުން، މީދޫ އަށް ޒިޔާރަތްކުރުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތި އޮންނާނީ މިރޭ 8:00 ގައި އައިޔޫއެމް ލާނިން ސެންޓަރުގަ އެވެ.

ސްކޫލް ދަރިވަރުންނާއި އާންމުންނަށް ވެސް ހުޅުވާލައިގެން ބޭއްވި "ޔޫސުފް ނާއިބު ޤުރުއާން" މުބާރާތް ކުރިއަށް ދިޔައީ މި މަހުގެ 10-13 އަށެވެ. މުބާރާތުގެ ޖުމްލަ 159 މީހަކު ބައިވެރިވި އެވެ. އޭގެ ތެރެއިން 17 މީހުންނަކީ އާންމުންނެވެ. އޭގެ ތެރޭގައި އުމުރުން 68 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.

ސާލިހާ ވިދާޅުވީ ޤުރުއާން މުބާރާތެއް ބޭއްވުމަކީ ވަރަށް ކުރިއްސުރެ ވެސް ދެކެމުން އައި ހުވަފަނެއް ކަމަށާއި އެގޮތުން ބޭއްވި ފުރަތަމަ މުބާރާތަށް ލިބުނު ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"އުންމީދު ކުރި ވަރަށް ވެސް މުބާރާތަށް ލިބުނު ތަރުހީބު ރަނގަޅު. އެހެންވެ އަލަށް އަޅުގަަނޑު މި ބޭއްވި މުބާރާތްވެގެން މި ދިޔައީ ދެމަހެއްޓެނިވި ގޮތަކަށް މުބާރާތް ކުރިއަށް ގެންދަން ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު މި ވަގުތު ސިޔާސީ މަގާމެއްގައި ހުރެގެން މިކަން ކުރިޔަސް މިއީ ސިޔާސީ މަންފާއަކަށް ކުރާ ކަމެއް ނޫން."

ސާލިހާ ވިދާޅުވި ގޮތުގައި އޭނަ އިންތިޒާމުކުރެއްވި ޤުރުއާން މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ މުޖުތަމައު އަށް މުހިއްމު ހިދުމަތެއްކޮށް، ދީނީ ކަންކަމަށް ވެސް މީހުން އިތުރަށް ލޯބި ޖެއްސުމެވެ.

"އެހެންވެ މިހާރު ނިންމައިގެން މި ހުރީ ކޮންމެ އަހަރަކު ވެސް މި މުބާރާތް ބާއްވަން. އަދި އަހަރުން އަހަރަށް އިނާމުތައް ވެސް ރަނގަޅުވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ. "މި މުބާރާތަށް ވެސް ވަރަށް ގިނަ ސްޕޮންސަރުންގެ އެހީތެރިކަން ލިބުނު."