Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

ކުދި ރަށްރަށަށް ބަގީ އެމްބިއުލާންސް ހޯދަނީ

ބަގީ އެމްބިއުލާންސެއް.

ރާއްޖޭހެ ކުދި ރަށްރަށުގައި ބަގީ އެމްބިއުލާންސް ބޭނުން ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ސަރުކާރަށް 4 އަހަރު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ އެފަދަ 25 އެމްބިއުލާންސަކަށް މިހާރު އޯޑަރު ވެސް ދީފައިވާ ކަމަށެވެ. ނަސީމް ވިދާޅުވި ގޮތުގައި ބަގީ އެމްބިއުލާންސް ގެންނާނީ ޗައިނާއިންނެވެ.

"[މިހާރު ބޭނުންކުރާ ޒާތުގެ އެމްބިއުލާންސް] ކުދި ރަށްރަށަށުގައި ބޭނުމެއް ނުކުރެވޭ. ބަގީ އެމްބިއުލާންސް ކިޔާ އެއްޗެއް ހުރޭ ޗައިނާގައި. [އެހެންވެ ކުދި ރަށްރަށް ހާއްސަކޮށްގެން އެ ގެންނަން] އެއަށް މިހާރު އޯޑަރުކޮށްފައި [މިހާރު] ހުންނާނީ،" ނަސީމު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އޭގެ 25 ވަރަށް އެމްބިއުލާންސް ލިބޭނެ ވަރަށް އަވަހަށް. އެ ބަގީ އެމްބިއުލާންސްތައް އަޅުގަނޑުމެން ކުދި ކުދި ރަށްރަށް ފޮނުވާލާނަން."

މިނިސްޓަރު ވިދާޅުވި ގޮތުގައު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އެމްބިއުލާންސްތައް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

"[މީގައި] ޗައިނާގެ ގްރާންޓް އެސިސްޓަންސް ވެސް އެބައުޅޭ. އެހެންވީމަ އޭގެ ތެރެއިން ވެސް ބަގީ އެމްބިއުލާންސް] ގެނެވިދާނެ އަޅުގަނޑުމެންނަށް." ނަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުދި ރަށްރަށަށުގައި ބަލިމީހުން އުފުލަން ހާއްސަކޮށްގެން ގެންނަ ބަގީ އެމްބިއުލާންސްތަކަކީ ސިއްގީ ފަރުވާދޭ މަރުކަޒަކަށް ގެންދެވެދެން ބަލިމީހާ އަށް އޭގައި ފަރުވާތަކެއް ދެވޭ ގޮތަށް ޑިޒައިންކޮށްފައި ހުންނަ އެއްޗެހި ކަމަށެވެ.

"އެހެންވީމަ ކުދިކުދި ރަށްރަށެއް ވެސް [އެމްބިއުލާންސް ލިބުމުގައި] ބާކީއެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ފޮނުވާ އެމްބިއުލާންސް ރަށްރަށުގައި ނުދުއްވިގެން އުނދަގޫތަކެއްވެސް ނުވާނެ."

އެސްޓީއޯއާ ހަވާލުކޮށްގެން ސަރުކާރުން މިހާރު ވެސް 96 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް އެކި ރަށްތަކަށް ފޮނުވާފައިވެ އެވެ. ރާއްޖޭގައި ސީ އެމްބިއުލާންސް ވެސް ބޭނުންކުރެ އެވެ.