Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ރައްޔިތުން ތިބޭނީ ރައީސް ސޯލިހާ އެކީ: އަމީރު

ރައީސް ސޯލިހާއި ފިނޭންސް މިނިސްޓަރ އަމީރު - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ތިބޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މުޅި ދުނިޔެއަށް ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމާއިއެކު ވެސް ރާއްޖޭގެ އިޤުތިޞާދު ހިފެހެއްޓުނީ އަދި ޤައުމުގައި ހަމަޖެހުމާއި ޞުލްހަ ދެމިއޮތީ ރައީސް ސޯލިހު ހިކުމަތާއި ދުރު ވިސްނުންފުޅާއިއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން ކުރިމަތިވި ކޮންމެ ގޮންޖެހުމެއް ގިރާކުރައްވައި، ހަމަހަމަކަމާއި އެކު ރައްޔިތުންނަށް ތަރައްޤީ ގެނެސްދެވޭނެކަން ރައީސް ސޯލިހު ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

"އެންމެނާއިއެކު ކުރިއަށް ވަޑައިގެންނެވޭނެ ލީޑަރަކީ ރައީސް. ދެންވެސް ރައްޔިތުން ތިބޭނީ ރައީސް އެކު." އަމީރު ވިދާޅުވި އެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު މީގެކުރިން ފާޅުކުރައްވާފައިވާއިރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވަނީ އިއުލާންކުރައްވާފަ އެވެ.

ނަމަވެސް ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އެމްޑީޕީން އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.