Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ސަންފަ: ފުލުހުންގެ ފުރަތަމަ އަންހެން މާލިމީ

ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައިވެސް ދިވެހި ފުލުހުންގެ ބަދަހި ސަފުތައް އަބަދުވެސް ތިބެނީ ހޭވައްލާ ތައްޔާރަށެވެ. ގަދަ ކަނޑުތަކާއި އެއްގަމުގައިވެސް އެއްވެސް ފަސްޖެހުމެއް ވަރުބަލިކަމެއް ނެތި އެވެ.

ފިރިހެން ފައުޖުތަކުން އުފެދުނު ފުލުހުންގެ ސަފުތަކަކީ މިއަދު މާޒީއެވެ. މިއަދު މި ފައުޖުތަކުގައި އަންހެން ފުލުހުންގެ ދައުރު ވަކި ދެރައެއް ނޫނެވެ. އިސް ސަފުގައިވެސް އަންހެނުންގެ ދައުރު ބޮޑެވެ. ކާރިސާތަކާއި ނުރައްކާތެރި ހާދިސާތަކުގައިވެސް އެންމެ ފުނަށް ފީނައިގެން ކޮޅު ހޯދާ ތަހުގީގު ޓީމުތަކުގައިވެސް އަންހެން ފުލުހުން އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހެއެވެ. ބިރުވެރި މޫސުންތަކުގައި ދިމާވާ ހާދިސާތަކުގައި މީހުން ސަލާމަތްކުރުމަށް މާސިންގާ ގަދަ ކަނޑަށް ނުކުމެ ފުންމާލަން ތައްޔާރަށް ތިބި ފަހުލަވާނުންގެ ތެރޭގައި ވެސް މިއަދު އަންހެން ފުލުހުން ތިބިކަމީ ފުލުހުންގެ ޚިދުމަތުގައި މިންތީގެ ތަފާތެއް ނެތްކަން ސާބިތުކޮށްދޭ އެންމެ ބޮޑު އެއް ހެއްކެވެ.

ފުލުހުންގެ ކަސްޓޯޑިއަލުން އޮކްޓޯބަރު 10، 2006 ގައި ފުލުހުންގެ ޚިދުމަތާ ގުޅުނު، ސަންފާ އިބްރާހިމް ދީދީ މިއަދު މިވަނީ ފުލުހުންގެ މާޒީ އަނެއްކާވެސް ބަދަލުކޮށްލައި ފުލުހުންގެ ޚިދުމަތުގައި އައު ސަފުހާއެއް ލިޔެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 އަހަރުވީ ދިގުމާޒީގައި ފުރަތަމަ އަންހެން މާލިމީ ނުވަތަ ފުރަތަމަ އަންހެން ކައްޕިއަކީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހިމް ދީދީއެވެ. އިންޖީނުލީ ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިންސަންސް ހޯދައި، ސަންފަ މިއަދު މާސިންގާ ކަނޑުތަކަށް ފުލުހުންގެ ޚިދުމަތުގައި އެ ނުކުތީ ދިވެހި ފުލުހުންގެ ތާރީހުގައި ރަން އަކުރުން އޭނާގެ ނަން ލިޔަމުންނެވެ.

ސަންފާ އިބްރާހިމް ދީދީ ފުލުހުންގެ ޚިދުމަތުގައި އެންމެ ފުރަތަމަ މަސައްކަތްކުރީ ދޫނިދޫ ކަސްޓޯޑިއަލުގައެވެ. ފުލުހުންގެ ޚިދުމަތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި އޭނާ ވަނީ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތްކޮށް އެކިދާއިރާއިން ތަޖުރިބާ ހޯދާފައެވެ. މާލޭ ކަސްޓޯޑިއަލް، ޕޮލިސް މެޑިކަލްގެ އިތުރުން ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިހުގައިވެސް ސަންފަ ވަނީ މަސައްކަތް ކޮށްފައެވެ. ފުލުހުންނަށް ބޭނުންވާ އެކި ތަމްރީނުތަކުގައި ބައިވެރިވި ސަންފަ ވަނީ އެކި ކޯސްތައް ފުރިހަމަކޮށްފައެވެ. ޚިދުމަތުގެ އިތުރުން ކުޅިވަރުގައިވެސް ސަންފައަކީ ދޫކުރާ ނަމެއް ނޫނެވެ. ފުޓުބޯޅަ، ހޭންޑްބޯޅަ މި ނޫންވެސް އެތައް މުބާރާތެއްގައި ސަންފަ ވަނީ ފުލުހުން ތަމްސީލުކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ކީއްވެ ކަނޑުމައްޗަށް؟

މި ސުވާލަށް ސަންފަ ދިނީ ވަރަށް ސާދާ ޖަވާބެކެވެ. އޭނާ ބުނީ ކަނޑުމަތީގައި މަސައްކަތް ކުރުމަކީ ކުރިންވެސް ތަޖުރިބާ ކުރަން ބޭނުންވެފައި ހުރި މަސައްކަތެއްކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ އުފަލާއެކުގައެވެ. ނުކުރެވިދާނެ ކަމުގެ ބިރަށް، ބީރު ކަންފަތެއްދީ ގަދަ ކަނޑަށް ނުކުތުމަށް ހަދަންޖެހޭ ހުރިހާ ތަމްރީނެއް ފުރިހަމަކުރީ އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތިއެވެ.

ސަންފަ ބުނީ ބޭސިކް ސީމެންޝިޕް ކޯސް ފުރިހަމަކުރުމަށް މާލެ އައުމާއި ކޯސް ފުރިހަމަކޮށް ނިންމުމާ ހަމައަށްވެސް ހިތުގައި އޮތް އަޒުމަށް އެއްވެސް ގުޑުމެއް ނާރައި އެކަން ފުރިހަމަކުރެވުނީ އޭނާގެ އިސްވެރިން ދެއްވި ހިތްވަރާއި ކުރި އިތުބާރުގެ ބޮޑުކަމުންކަމަށެވެ.

މެރިން ޕޮލިހާއި ޔޫ.އެން.އޯ.ޑީ.ސީ އަދި ޖަޕާން ސަރުކާރު ގުޅިގެން ފުލުހުންނަށް ކުރިއަށްގެންދާ ބޭސިކް ސީމެންޝިޕް ކޯހަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އަމަލީ ހަރަކާތްތަކާއި މައުލޫމާތު ދިނުމުގެ ކްލާސްތަކާއެކު ކުރިއަށް ގެންދާ ކޯހެކެވެ. އެގޮތުން "މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިންގ، ސަވައިވަލް އެންޑް ރެސްކިއު" މައުލޫގެ ދަށުން މައުލޫމާތު ދިނުމާއެކު އަމަލީ ހަރަކާތްތައް ކަނޑުމަތީގައި ކުރިއަށް ގެންދެއެވެ. ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހިމް ދީދީ ވަނީ އެ ކޯސް ފަހުރުވެރިކަމާއެކު ފުރިހަމަކޮށްފައެވެ.

ފުރަތަމަ ކަނޑަށް ނުކުތް ދުވަސް

ނިއަމި ކަމުގެ ކޯހުގެ ތެރެއިން ފުރަތަމަ ކަނޑަށް ނުކުތް ދުވަހަކީ ސަންފަގެ ހަނދާނުގައި އަބަދުވެސް ހުންނާނެ ދުވަސްތަކެކެވެ. އެއީ މުޅިން ތަފާތު، ހިތްތެޅުން ބާރު ދުވަހެކެވެ. ހާއްސަކޮށް ލޯންޗުގެ ހުންގާނުގައި ހިފައި ފުރަތަމަ ދަތުރަށް ފެށި ވަގުތެވެ. ހުންގާނު ރަނގަޅަށް ހިފި ސްޕީޑް ނުހިފެހެއްޓިގެން ދިޔަ ވަގުތުކޮޅުތަކެވެ.

ކަނޑުމަތީގެ ހާދިސާތަކުގައި ލޯންޗު، ދޯނި ބަނޑުން ޖަހާލާފައިވާ ހާދިސާތައް ހިތުގައި އިތުރުވެ ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދަމުން ދިޔައެވެ. އެހެންނަމަވެސް އެ ހިޔާލުތަކާ ދުރަށް ސަންފަ ގެންދިޔައީ އޭނާގެ ވަރުގަދަ އަޒުމެވެ. އަންހެނަކަށް ވީތީ ވަކިކަމެއް ނުވާނެ ނުވަތަ ނުކުރެވޭނެކަމަށް ބުނާ ޒަމާންވީ ވާހަކަތައްވީ އޭނާއަށް ލިބުނު ހިތްވަރަކާއި ފޯރިއަކަށެވެ. އެކަން މިއަދު ސަންފަ ސާބިތުކޮށްދިނީވެސް ރަން އަކުރުންނެވެ.

އަންހެނަކަށްވިޔަސް ގަދަ އަޒުމެއްގައި ހުރެ، ދާން ބޭނުންވާ މަންޒިލަށް ދެވޭނެކަން ސަންފަ ބުނެދިނީ އޭނާއަށް މިއަދު ގިނަ މީހުން ގޮވާނެ ނަން ހަނދާންކޮށްދެމުންނެވެ. އެއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުރަތަމަ އަންހެން ކައްޕިއެވެ. ތާރިހުގައިވެސް މިނަން ދެން އޮންނާނީ މިހެންނެވެ.

ފުރަތަމަ ދަތުރު، ހާސްކޮށްލި ނަމަވެސް ވަރަށް ހާއްސަ

ކައްޕީގެ ތޮފި އަޅައިގެން ބަޔަކު ގޮވައިގެން ފުރަތަމަ ދަތުކުރި ދުވަހަކީ ސަންފައަށް ހާސްކަން ބޮޑުވި ދުވަހަކެވެ. އެހެންނަމަވެސް ދަތުރު ނިންމާލީ ހާސްކަން ފިލުވާލައި ހަޔާތުގައި ހާއްސަ މުހިންމު ދުވަހެއްގެ ގޮތުގައި ބޮޑުއަކުރުން ފަވައި ނަގާފައެވެ. "އެ ދުވަހު ލޯންޗު ޖެޓީއާ ގާތްކުރެވުނީ ވަރަށް އުނދަގުލުން. އެހެންވެ ވަރަށް ހާސްވި. އަދި ލޯންޗުގައި ތިބި މީހުން އެކަމާ ހިތައް އަރާފާނެ އެއްޗަކާމެދު ވިސްނުނު. އެހެންނަމަވެސް ދަތުރު ނިމި ލޯންޗުން ފައިބައިގެން ދަމުން ކޮންމެ މީހަކުވެސް ވަރަށް ރަނގަޅޭ ބުނީމައި ހިތަށްއެރި ލޯންޗު މި ދުއްވުނީ ގޯސްކޮށްނޫންކަން." ސަންފަ ކިޔައިދިނެވެ. މި ބަސްތައް ވެގެންދިޔައީ މި ދާއިރާގައި އޭނާ ކުރިއަށް ދިއުމަށް އެންމެ އަޑުއަހާލަން ބޭނުންވި ވާހަކަތަކަށެވެ. އަދި އެކަމުގައި ސާބިތުވެ ހުރުމަށް ލިބުނު ހިތްވަރަކަށެވެ.

ބޭސިކް ސީމެންޝިޕް ކޯސް ފުރިހަމަކޮށް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބުނު ފުރަތަމަ އަންހެން ފުލުހަށް ވެގެންދިއުމަކީ ފުލުހުންގެ ޚިދުމަތުގައި މިހާތަނަށް ސަންފައަށް ލިބިގެންދިޔަ އެންމެ ބޮޑުޝަރަފުގެ އިތުރުން އެންމެ ފަހުރުވެރި ކާމިޔާބީއެވެ.

ކަނޑުމަތީގެ ތަމްރީނުތައް ފުރިހަމަކުރަމުންދިޔަ ދުވަސްވަރު ފުވައްމުލަކު ސިޓީ ޕޮލިހާއި މެރިން ޕޮލިހުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ސަންފަގެ އެތައް ހާސް ޝުކުރެކެވެ. އަދި އޭނާ ކުރާ ކޮންމެ ކަމެއްގައިވެސް އާއިލާއިން ހާއްސަ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެންދާކަމީ މިއަދު މިހިސާބަށް އައުމަށް ލިބުނު ހިތްވަރެއްކަން ފާހަގަކުރިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި ކަނޑުމަތީގެ ފުރަތަމަ އަންހެން ކައްޕީގެ ޝަރަފާއެކު އޭނާގެ މިއަށްވުރެ ބޮޑު އެދުމެއް އަދި އުންމީދެއްވެސް އެބަ އޮތެވެ. އެއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުރަތަމަ އަންހެން ކައްޕިއަށްވި އޭނާއަކީ އެންމެ ފަހުގެ އަންހެން ކައްޕިއަށް ނުވުމެވެ. ސަންފަ ބުނީ އެންމެ ވާހަކަ އެކެވެ. މީ ކުރިއަށް ދެވެން އޮތް ދާއިރާއެކެވެ. އަންހެނަކަށްވީތީ ނުކުރެވޭނެ ކަމެއް ވެސް ނޫނެވެ.

މ ދާއިރާ އަށް ނުކުންނަން ބޭނުންވާ ހުރިހާ އަންހެނުންނަށް ސަންފަގެ މެސެޖެއް އެބައޮތެވެ. އަންހެން ޕައިލެޓުންނާއި އޮފިސަރުންނާއި ޑޮކްޓަރުން އެބަތިއްބެވެ. މިދާއިރާވެސް މިއޮތީއެވެ. އަވަހަށް ނުކުންނާށެވެ.