Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްޑޫ ނޭޗާ ޕާކު މަރާމާތު ކުރަން ފަށައިފި

އައްޑޫ ނޭޗާ ޕާކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހިތަދޫގެ ނޭޗާ ޕާކް އޮތް މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު މިއަދު ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޭޗާ ޕާކް މަރާމާތު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.

އައްޑޫ ނޭޗާ ޕާކު މަރާމާތު ކުރަން ފަށާފައިވާއިރު އެތަނުގެ ހާލަތާއި މެދު މީގެކުރިން ކައުންސިލަރު ސައީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެކަށީގެންވާ ގޮތަށް ނުބަލަހައްޓާތީ ތަނުގައި ހިޔާކޮށްފައި ހުރި ތަންކޮޅެއް ހުރި ނަމަ އެތަނަކުން ވެހެނީ ވާރޭ ކަމަށާއި ލިޔެކިޔުމެއް ވެސް ރައްކާކުރެވޭނެ ފަދަ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ. އަދި ތަނުގައި ލަކުނޑިން ހަދާފައި ހުރި ހުރިހާ ތަނެއް ފީވެ، އެތަންތަން ހުރީ ވެއްޓެން ގާތްވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫ ނޭޗާ ޕާކަކަކީ އައްޑޫގައި ހިމާޔަތްކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭ ވެސް ހިމެނޭ ގޮތަށް އެ ސަރަހައްދުގައި ހުރި ގުދުރަތީ ހާއްސަކަން ދަމަހައްޓައި އެތަނުގެ ސަބަބުން އައްޑޫގެ އިގުސާދަށް ވެސް ކުރިއެރުބް ހޯދައިދޭން ތަރައްގީކޮށްފައިވާ ތަނެކެވެ.

ދާދި ފަހުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އައްޑު އަށް ކުރެއްވި ދަތުރުގައި ނޭޗާ ޕާކަށް ޒިޔާރަތްކުރެއްވި އެވެ.

ގުދުރަތީ ރީތި، ހިތްގައިމު އައްޑޫ ނޭޗާ ޕާކަކީ އައްޑޫ ރައްޔިތުންގެ އިތުރުން އައްޑޫއަށް ޒިޔާރަތް ކުރާ މީހުންގެ ވަރަށް މަގްބޫލް މަންޒިލެކެވެ.