Last Updated: July 27, 09:39
Saturday, July 27, 2024
ރިޕޯޓް

އައްޑޫ ސްޓޭޑިއަމް ވީރާނާ، އަޅާލުމެއް ނެތް

އައްޑޫގައި ބާއްވާ ކޮންމެ ބޮޑު ފުޓްބޯޅަ މުބާރާތަކަށް ފަހު ވެސް އާންމުން ކުރާ އެންމެ ބޮޑު ޝަކުވާ އަކީ ސްޓޭޑިއަމްގެ ފެންވަރު ދަށްކަމުގެ ޝަކުވާ އެވެ. ސްޓޭޑިއަމް ވީރާނާ ވެގެންދާއިރު ވެސް އަޅާ ނުލާ ދޫކޮށްލައިގެން ތިބޭތީ އެކަމުގެ ކަންބޮޑުވުމެވެ. ދާދިފަހުން ނިމިގެންދިޔަ އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕަށް ފަހު ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މި ޝަކުވާތަކާއި ކަންބޮޑުވުންތައް ބަންޑުންކޮށްލާފައިވެ އެވެ.

ސްޓޭޑިއަމްގައި ހުރި މައްސަލަތައް ދާދިފަހުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވަނީ އާންމުންނާ ހަމައަށް ތިލަކޮށްދީފަ އެވެ.

އެގޮތުން ސްޓޭޑިއަމްގެ ވަށައިގެން ޖަހާފައިވާ ފެންސްގެ ބޮޑު ބައެއް ހަލާކުވެފައިވާ އިރު، އެތަނުގެ ފާހާނާތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ސްޓޭޑިއަމްގައި ހުރި މައްސަލަތައް ލިސްޓްކޮށް ސައީދު ވިދާޅުވި ގޮތުގައި ކުޅުންތެރިން ބޭނުންކުރާ ފާހާނާގައި ވެންޓިލޭޝަނެއް ވެސް ނެތް އިރު ދަނޑު އެއްވަރުކުރަން ބޭނުން ކުރާނެ ރޯލަރެއް ވެސް ނެތެވެ.

"ޢިމާރާތުގެ އެތެރޭގައި ޖަހާފައިވާ މުށީގެ ބޮޑު ބައި ވަނީ ނެއްޓިފައި. ޢިމާރާތުގެ އެތެރެ އާއި ބޭރުގެ ކުލަ ކެނޑި ކުލަ ލީ ހަނދާނެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ. "އިމާރާތުގެ އެތެރޭގައި ހުރި ފާހާނާތަކަށް ވެހެނީ ވާރޭ. ދިމަދިމާލުން ފެން ލީކްވެ ޢިމާރާތުގެ އެތެރެ އޮންނަނީ ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވެފައި."

އަދި ވާރޭ ވެހޭ ދުވަހެއް ނަމަ ސްޓޭޑިއަމްގެ ބެންޗް ސަރަހައްދު އޮންނަނީ ފްލޯޓިން އޭރިއާއެއްހެން ކަމަށްވާއިރު ވާރޭ ވެހިއްޖެ ނަމަ ކުޅި ބަލަން ތިބޭ ސަޕޯޓަރުންނަށް ހިޔާވާނެ ތަނެއް ހޯދުމަކީ ވެސް އުނދަގޫ ކަމެކެވެ. އޭގެ އިތުރަށް ރޭގަނޑު ކުޅެވޭ ގޮތަށް ރަނގަޅު ފެންވަރުގެ ލައިޓިން ސިސްޓަމެއް ވެސް ސްޓޭޑިއަމްގައި ނެތެވެ.

ސްޓޭޑިއަމްގެ ހާލަތު ޔޫތު މިނިސްޓަރަށް، ސްޓޭޓް މިނިސްޓަރުންނަށް، ސްޕޯޓްސް ޑިޕާރޓްމަންޓުގެ ވެރިންނަށް އަދި ޒިންމާދާރުވެރިޔާއާ ހިއްސާކުރެވިފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ސްޓޭޑިއަމްގައި ހުރި މައްސަލަތަކުގެ ލިސްޓު ކިތަންމެހާ ވެސް ދިގެވެ. މާލެ ނެގުމަށްފަހު އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑު އަކީ ކުޅިވަރަށް، ވަކިން ހާއްސަކޮށް ފުޓްބޯޅަ އަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ސިޓީއަކަށް ވާއިރު އައްޑޫގައި ހުރި ސްޓޭޑިއަމްގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދިޔުމަކީ ހިތާމައެކެވެ.

ކޮންމެ އަހަރެއްގެ ބަޖެޓްގައި ސްޓޭޑިއަމް ތަރައްގީ ކުރަން ފައިސާތަކެއް ޖެހި ނަމަވެސް އަމަލީ ސިފަ އަންނަތަނެއް ނުފެނެ އެވެ. މިއީ ހަމަގައިމު ވެސް ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫގެ ޒުވާނުންނަށް ހައްގު މިންވަރެއް ނޫނެވެ.