Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އައްޑޫގައި މިޔަރުތަކަށް ހާއްސަ ސަރަހައްދެއް

އައްޑޫގައި "އައްޑޫ ނާސް ޝާކް ސެންކްޗުއަރީ" ގެ ނަމުގައި ސަރަހައްދެއް ކަނޑައަޅައި އެ ސަރަހައްދު ހިމާޔަތްކުރަން ކައުންސިލުން ނިންމައިފި އެވެ.

އެގޮތަށް ނިންމީ އިއްޔެ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާގަ އެވެ.

ނާސް ޝާކް ސެންކްޗުއަރީއެއް ހެދުމުގެ މައްސަލަ ކައުންސިލަށް ހުށަހެޅީ މީދޫ ކައުންސިލަރު އާމިނަތު ސާލިހާ އެވެ. އޭނާ ވިދާޅުވީ ސަދަން މޯލްޑިވްސް ޑައިވާސްގެ ޓީމަކުން 2018 ވަނަ އަހަރު ކުރި އެކްސްކެވޭޝަން ޓުއާއެއްގައި ސްނޯކްލިން އާއި ޑައިވްކުރުމުގެ ތެރެއިން، ހުށަހެޅި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން ރަތްމަހާއި މާހުޅުނބު ލަނޑާގެ އިތުރުން ނާސް ޝާކް އާއި މިނޫން ވެސް ކަނޑުގެ އެކި ދިރުންތައް ފެނުމާއި ގުޅިގެން، ޑައިވަރުންގެ ތެރެއިން އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ މަސައްކަތް ކުރުމަށް އުފެއްދި ޓީމަކުން ފާއިތުވި ހަތަރު އަހަރުތެރޭ އެ ސަރަހައްދަށް ދަތުރުކޮށް، އެ ސަރަހައްދު ރިސާޗްކޮށް ސާވޭކުރުމުގެ އިތުރުން މިޔަރުތަކަށް ކާންދީ އެ ސަރަހައްދުގައި އުޅޭ މިޔަރުތަކުގެ އޮބްޒަވޭޝަންތައް ރިކޯޑްކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ ބެލުންތަކަށް އަލީގައި މި ސަރަހައްދު ވަށައިގެ 150-200 މީޓަރު ރޭޑިއަސްގެ ސަރަހައްދެއް ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމައި ދެއްވުމަށް އެދެނީ އެ ސަރަހައްދަކީ އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ ގޮތުގައި ޕްރޮމޯޓްކޮށް ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވަރަށް އެކަށީގެންވާ ސަރަހައްދަކަށްވާތީ ކަމަށް ސާލިހާ ވިދާޅުވި އެވެ. އަދި އެ ސަރަހައްދަކީ މީދޫން ފުރާއިގެން ލޯންޗްގައި 7 މިނެޓުން ދެވޭ އައްޑޫގެ އެތެރެވަރި ނިމޭ ހިސާބުގައި އޮންނަ ސަރަހައްދަކަށްވެފައި އެ ތަނަކީ މަސްވެރިކަމާއި އެހެނިހެން ބޭނުންތަކަށް ވެސް އެކި ފަރާތްތަކުން ބޭނުންކުރުން އެކަށީގެންވާ ސަރަހައްދެއް ކަމަށް ވެސް ސާލިހާ ފާހަގަކުރެއްވި އެވެ.

އޭނަގެ އެ ހުށަހެޅުމަށް ތާއިދު ކުރައްވައި ހިތަދޫ ރަސްގެދަރި ދާއިރާގެ އަދި އައްޑޫ ކައުންސިލްގެ ޓޫރިޒަމް ކޮމިޓީގެ މުގައްރިރު ޙުސައިން ޒަރީރު ވަނީ ހިމާޔަތް ކުރުމަށް އެދިފައިވާ ސަރަހައްދަކީ އެދެވޭ ވަރަށް ވުރެ ބޮޑު ސަރަހައްދެއްކަން ފާހަގަކޮށް، އޭގެ ބަދަލުގައި އައްޑޫ ނާސް ޝާކް ސެންކްޗުއަރީއެއް ކަނޑައަޅައި އެ ސަރަހައްދު ވަށައިގެ 100 މީޓަރު ރޭޑިއަސްގެ ސަރަހައްދެއްގެ ހިމާޔަތްކުރަން އިސްލަހާ އެކު ހުށަހަޅުއްވައި ފައެވެ. އެކަމަށް ތާއިދުކުރެއްވީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާއު އެވެ.

މިކަމާ ގުޅިގެން މޭޔަރ ޢަލީ ނިޒާރު ވޯޓަށް އެއްސެވެމުން މައްސަލަ ފާސްވީ ޖަލްސާގައި ބައިވެރިވެވަޑާއިގެންނެވި 11 މެންބަރުންގެ އިއްތިފާގުންނެވެ.