Last Updated: December 5, 22:37
Tuesday, December 5, 2023
ޚަބަރު

ހަތަރު އަހަރުތެރޭ 17 މިސްކިތް ނިންމުނު

މި ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 17 މިސްކިތެއް ނިންމައި ބޭނުން ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ހަތަރުވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރަން ކުރަމުން އަންނަ މަސައްކަތްތެކެވެ. އެގޮތުން ހަތަރު އަހަރުގެ ތެރޭގައި 17 މިސްކިތް ނިންމައި ބޭނުން ކުރަމުން އަންނަ އިރު، މިހާރު ވެސް މަސައްކަތުގެ އެކި މަރުހަލާގައި 14 މިސްކިތެއް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޓެންޑަރިން މަރުހަލާގައި ނުވަ މިސްކިތެއް ހިމެނޭ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މިސްކިތްތައް ބިނާކުރަމުން އަންނަ އިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ހެޔޮއެދޭ އެކިއެކި ވިޔަފާވެރިން ވެސް މިސްކިތްތައް ބިނާކޮށް ދީފައިވެ އެވެ. އަދި މިފަދަ ގިނަ މިސްކިތްތަކެއްގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާކަން ފާހަގަކުރެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާކުރަން ނިންމިކަން ވެސް މި އަހަރުގެ މެއި މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ. ހުޅުމާލޭގެ ފޭސް ދޭއްގައި ބިނާކުރަން ހަމަޖެހިފައިވާ މި މިސްކިތަކީ އެތެރޭގައި އެއްފަހަރާ 11،000 މީހުންނަށް އަދި މިސްކިތުގެ ބޭރުގައި އެއްފަހަރާ 10،000 ނަމާދުކުރެވޭނެ ތަނަވަސް މިސްކިތަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.